ގއ. ނިލަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް މިއަހަރުގެ ތެރޭގައި ހައްލު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިއަދު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މި ވާހަކަ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ އެރަށަކަށް ތަރައްގީ ގެންނަ އިރު އެތަރައްގީއަކީ ރައްޔިތުން އެދޭފަދަ ތަރައްގީއަކަށް ވުން ކަމަށެވެ. އެގޮތުން ނިލަންދޫ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަން ކަމަށް ރައީސް ވަނީ އަލިއަޅުއްވާފައެވެ.
ނިލަންދޫގެ ބަނދަރަށް ދިމާވެފައިވާ ދަތިކަމަކީ އެރަށުގެ ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވާ ކަމެއް ކަމަށް ފާހަގަކުރައްވައި، ބަނދަރު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި “ރައްޔިތުން އެދޭ ގޮތަށް އެކަން އަޅުގަނޑު ކޮށްދޭނަން” ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިސްކަންދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ފުޓްސަލް ދަނޑު އެޅުމާއި، ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

