ދިވެހިރާއްޖޭގައި ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ގއ. ނިލަންދޫ ރައްޔިތުންނާ މުޚާޠިބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ދަނޑުވެރިކަމުގެ ސިނާޢަތުގެ ހިންގުން ހަރުދަނާކުރެއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތްވެސް މިހާރު ސަރުކާރުން ފައްޓަވައި، އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ބަލާއިރު ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ދާއިރާއެއް. އެހެންކަމުން ނިލަންދޫގެ ދަނޑުވެރިންނާއި، ޖުމުލަކޮށް ރާއްޖޭގެ ދަނޑުވެރިންނަށް ދަނޑުވެރި އުފެއްދުންތަކުން ނަފާހޯދޭނެ،" ރައީސް ވިދާޅުވިއެވެ.
އެގްރޯނެޓް ކުންފުނީގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށާއި، އެ ކުންފުނި މެދުވެރިކޮށް ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެއަށް ބޭނުންވާ ވަރަށް ކާބޯތަކެތި އުފެއްދުމަށް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަން ރާއްޖޭގައި. ދަނޑުވެރިކަމުގެ ސިނާޢަތް މިއަދާ ހަމައަށް އޮތް ހިސާބަށްވުރެ އެތައް ގުނައަކުން ރަނގަޅުކޮށް، ދަނޑުވެރިކަމަކީ ރާއްޖޭގައި ވަރަށް ރަނގަޅަށް ހިންގޭ ފުޅާ ކުރެވޭ ސިނާޢަތަކަށް ހެދުން އެއީ އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތު،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ނިލަންދޫގެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމާއި، ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމާއި، ފެނާއި ނަރުދަމާގެ މައްސަލަ ނިންމުމާއި، ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް ތަރައްޤީކުރުން ފަދަ ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

