ވިހި ފަންސަވީހުގެ އަހަރު ގދ. ތިނަދޫ ސްކޫލްގެ މުދައްރިސުންނާ ބައްދަލުކުރީ "ބޮޑު ސަޕްރައިޒް" އަކާ އެކުގައެވެ. މި "ބޮޑު ސަޕްރައިޒް"ގެ ފަހަތުގައި ތިބި މޮޅު އަތްތަކަކީ ތިނަދޫ ސްކޫލް ޕީޓިއޭގެ ފަންނުވެރި ބެލެނިވެރިންނެވެ. މިއީ ހާހަކުން ދިހަ ހާހަކުން ތައްޔާރު ކުރެވުނު ސަޕްރައިޒެއް ނޫނެވެ. ޕީޓީއޭގެ ބެލެނިވެރިން މުދައްރިސުންނަށް ދިން "ބޮޑު ސަޕްރައިޒް" އަކީ ލައްކައެއްހާ ރުފިޔާގެ އަގުހުރި "ދައި ދައި" އެވެ.

ދައި ދައި’: ފޮޓޯ/ހުވަދޫ މީޑިއާ’
"ދައި ދައި" އަކީ ޕީޓީއޭގެ ބެލެނިވެރިންގެ އަމިއްލަ ޖީބުންނާއި ބައެއް ފަރާތްތަކުގެ ދީލަތި އެހީއާއެކު ޚަރަދުކޮށް ބެލެނިވެރިން އިސްކޮށް ހަރަކާތްތެރިވެގެން ތިނަދޫ ސްކޫލުގެ ފުރަތަމަ ފްލޯގައި ޤާއިމު ކުރެވުނު ސައި ކޮޓަރިއެކެވެ. މިއީ އާދައިގެ ސައި ކޮޓަރިއެއް ނޫނެވެ. މިއީ ޒަމާނީ ފެންވަރުގައި ވަރަށް ނަލަކޮށް ހަދާފައިވާ ސައި ކޮޓަރި އެކެވެ.

ދައި ދައި ސައި ކޮޓަރި:ފޮޓޯ/ހުވަދޫ މީޑިއާ
2025 ޖަނަވަރީ 07 ވަނަ ދުވަހު ހަވީރު 05:30 އެހައިކަންހާއިރު "ދައި ދައި" ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވިގެން ދިޔައީ އެ ސްކޫލްގެ ޕްރިންސިޕަލް ޝަޒިއްޔާ އަހްމަދަށް ވެސް ބޮޑު ސަޕްރައިޒެއް ލިބިގެންނެވެ. ޕްރިންސިޕަލް ވިދާޅުވީ ހުދު އެ ބޭފުޅާއަށް ވެސް މި ސައި ކޮޓަރި ތައްޔާރު ކުރެވެމުން ދިޔަކަމުގެ އެއްވެސް ހިލަމެއް ނުވާކަމަށެވެ. ޕްރިންސިޕަލް މިހެން ވިދާޅުވެފައި ވަނީ އިއްޔެ އެތަން ހުޅުވުމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައެެވެ.

ދައި ދައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ޕީޓީއޭގެ ބެލެނިވެރިންނާއި މުދައްރިސުން: ފޮޓޯ/ހުވަދޫ މީޑިއާ
މުދައްރިސުންނާ ބައްދަލު ކުރައްވާ ޕީޓީއޭގެ ނައިބުރައިސާ އާމިނަތު އާރިފާ ހާމަކޮށްފައިވާ ގޮތުގައި މި ސަޕްރައިޒަކީ ނިމިދިޔަ 2024 ވަނަ އަހަރު މުދައްރިސުންގެ ދުވަހަށް ހާއްސަކޮށް ދޭން ތައްޔާރު ކުރަމުން އައި ސަޕްރައިޒެއް ކަމަށެވެ. އެހެންނަމަވެސް ދިމާވި ދަތިތަކާ ހުރެ ކުރިއަށް ގެންދެވޭ ގޮތް ނުވުމުން، ޕީޓީއޭ އިން ނިންމީ އާ އަހަރާ ދިމާކޮށް މި ސަޕްރައިޒް ދިނުމަށެވެ. އާރިފާ ވަނީ މި ސަޕްރައިޒް ތައްޔާރު ކޮށްދިނުމުގައި ހުރިހާ ގޮތަކުން އެހީވި އެންމެނަށް އަދި ހާއްސަކޮށް ޕީޓީއޭގެ މެމްބަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
"ދައި ދައި" ހުޅުވައިދެއްވީ ތިނަދޫ ސްކޫލުގެ އެންމެ ދުވަސްވީ މުދައްރިސާ އެވެ.
ޕީޓީއޭ ބެލެނިވެރިންގެ މި ދުވަސްވީ ޕްލޭނުގައި ހަގީގީ ކުލަ ޖެހިގެން ދިޔައީ މުދައްރިސުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީފައެވެ. ޕީޓީއޭގެ މި އެއްބައިވަންތަކަމުގެ ހަރަކާތުން، ދޭހަވާ ކަމަކީ މުދައްރިސުންނާއި ބެލެނިވެރިންގެ ހިންގުންތެރިކަމެވެ. އަދި މުދައްރިސުންނަކީ އެކުގައި މަސައްކަތް ކުރުމުގައި ލާމަސީލު، އެފަދަ ދެވަނައެއް ނުވާފަދަ ބައެއްކަމެވެ.
މި ސައި ކޮޓަރި ބަލައިލުމުގެ ފަޚުރުވެރި ނަސީބު ހުވަދޫ މީޑިއާގެ ނޫސްވެރިންނަށް ލިބުނެވެ. ހުވަދޫމީޑިއާ އިން އެދެނީ މިރޭ ހުޅުވިގެންދިޔަ ސައިކޮޓަރިން ލިބިދިން އުފާވެރިކަން އަބަދުވެސް ދެމިއޮތުމެވެ.

