މިއަދު އާންމުންގެ މެދުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ވާހަކައެކެވެ. ކަޅުކޮފީއާއި ލުނބޯ އެއްކޮށްގެން ބުއިމުން ހަށިގަނޑުގެ ބަރުދަން ލުއިވާ ވާހަކައެވެ. ނަމަވެސް މިކަމުގެ ޙަޤީޤަތަކީ ކޮބައިތޯ ބަލައިލުން މުހިންމެވެ.
މިއަދުގެ ފަތިސްތަރީގައި މިބަލައިލަނީ ކަޅު ކޮފީއަށް ލުނބޯ އެއްކޮށްގެން ހުސްބަނޑާހުރެ ބުއިން ސިއްހަތަށް ލިބޭނެ ފައިދާ އެއްވޭތޯ ނުވަތަ ގެއްލުމެއް ވޭތޯ އަދި "ކަޅު ކޮފީއަށް ލުނބޯ އެއްކޮށްގެން ހުސްބަނޑާހުރެ ބުއިން، ބަރުދަން ލުއިކުރުމަށް އަވަސް މަގެއް" މިބަހުގެ ތެދުދޮގު ހޯދައި ބަލައިލާނަމެވެ.
ކަޅުކޮފީއާއި ލުނބޯގެ ޚާއްޞަ ސިފަތައް
ކަޅުކޮފީއަކީ އެންޓިއޮކްސިޑެންޓްސް އެކުލެވޭ، ހަށިގަނޑުން ޓޮކްސިންތައް ބޭރުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ކަޅުކޮފީއަށް ލުނބޯ އެއްކޮށްގެން ބުއިމުން ސިއްހަތަށްނޭދެވޭ އަސަރުތައްކުރާނެ/ފޮޓޯ: އައިސްޓޮކް
ހަމައެހެންމެ ލުނބޯގައިވެސް ވިޓަމިން ސީ އާއި އެހެނިހެން ފައިދާހުރި މާއްދާތައް އެކުލެވެއެވެ. ނަމަވެސް މި ދެ ބާވަތް އެއްކޮށްގެން ހުސްބަނޑާ ހުރެ ބޭނުންކުރުމަކީ ހަށިގަނޑަށް ގެއްލުން ލިބިދާނެ ކަމެކެވެ.
ހުސްބަނޑާ ހުރެ، ކަޅުކޮފީއާއި ލުނބޯ އެއްކޮށްގެން ބުއިމުގެ ނޭދެވޭ އަސަރުތައް: ހުސްބަނޑާ ހުރެ ކަޅުކޮފީއާއި ލުނބޯ އެއްކޮށްގެން ބުއިމުން ގޮހޮރުގެ އެތެރެފަށަލައަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މީގެ ސަބަބުން ކާހިތްވާ މިންވަރު ކުޑަވެ، ހަށިގަނޑަށް ބޭނުންވާ ކާނާ ނުލިބި، ހަށިގަނޑު ބަލިކަށިވެ ހިނގައިދާނެއެވެ.

ކަޅުކޮފީއަށް ލުނބޯ އެއްކޮށްގެން ބުއިމުން ސިއްހަތަށްނޭދެވޭ އަސަރުތައްކުރާނެ/ފޮޓޯ: އައިސްޓޮކް
ބަރުދަން ލުއިކުރުމުގެ ރައްކާތެރި ގޮތްތައް: ދިރާސާތަކުން ދައްކާގޮތުގައި ބަރުދަން ލުއިކުރުމަށް އެންމެ ރަނގަޅީ ހަރުދަނާ ކެއުމުގެ އާދަތަކެއް ގެންގުޅެ، އެކަށީގެންވާ ވަރަށް ކަސްރަތުކުރުމެވެ. މިގޮތުން ކާގަޑިތަކުގައި މިންހެޔޮ ކެއުމަކާއެކު ގަވާއިދުން ކަސްރަތުކުރުމަކީ ދުޅަހެޔޮ ސިއްޙަތެއް ދެމެހެއްޓުމަށް އެންމެ ރަނގަޅު ގޮތެވެ.
ހުސްބަނޑާ ހުރެ ކަޅުކޮފީއާއި ލުނބޯ އެއްކޮށްގެން ބުއިމަކީ ހަށިގަނޑަށް ގެއްލުން ލިބިދާނެ ކަމެކެވެ. އެހެންކަމުން، ބަރުދަން ލުއިކުރުމަށް ޞިއްޙީ ގޮތުން ރައްކާތެރި، ދެމެހެއްޓެނިވި ގޮތްތައް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. މިކަމުގައި ޞިއްޙީ މާހިރުންގެ ލަފާ ހޯދުމަކީވެސް ބުއްދިވެރި ކަމެކެވެ.

