ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފަހު ރަށެއްގެ ގޮތުން މިއަދު ގއ. ދެއްވަދޫއަށް ވަޑައިގެންފިއެވެ. ދެއްވަދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެއްވަދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެއްވަދޫއަކީ ހުވަދުއަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފަހު ރަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދެއްވަދޫ ހިމެނޭހެން ހުވަދު އަތޮޅުގެ 8 ރަށަކަށް ވަނީ ވަޑައިގަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި ރަށްތަކަކީ ގދ. ނަޑެއްލާ، ގދ. ވާދޫ، ގދ. ފިޔޯރީ، ގދ. ރަތަފަންދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ގއ. މާމެންދޫގެ އިތުރުން ގއ. ދެއްވަދޫއެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި އަތޮޅު، ރަށު އަދި ސިޓީ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފަށްޓަވައިގެން ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނޭ ދަތުރުފުޅެކެވެ. މި ދަތުރުފުޅުތަކުގެ މަޤްޞަދަކީ ރަށްރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމާއި، ރަށްރަށުގެ ހާލަތު ބައްލަވާލެއްވުމެވެ.

