މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، “އިމިގްރޭޝަން ވޮޗް” ޕޯޓަލަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 1000 އަށްވުރެ ގިނަ މައްސަލަ މިހާތަނަށް ބަލާފައިވެއެވެ.
އިމިގްރޭޝަނުން ބުނާ ގޮތުގައި، މި ޕޯޓަލް އިފްތިތާހުކުރެވުނު 2022 ވަނަ އަހަރުގެ ޖުލައި 17 އިން ފެށިގެން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 1061 މައްސަލަ ވަނީ ބަލާފައެވެ.
މި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހުށަހެޅިފައިވަނީ ބިދޭސީ މަސައްކަތްތެރިން ޤާނޫނާއި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލަތަކެވެ. މިފަދަ 239 މައްސަލަ ހުށަހެޅިފައިވާކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އިތުރު ތަފްސީލުތަކަށް ބަލާއިރު:
- – ވޯކް ވިސާއާ ގުޅޭ 239 މައްސަލަ
- – ހަށިވިއްކުމުގެ 65 މައްސަލަ
- – ވަޒީފާއިން ފިލުމުގެ 41 މައްސަލަ
- – ޓޫރިސްޓް ވިސާއާ ޚިލާފުވުމުގެ 14 މައްސަލަ
- – އެމްޕްލޯޔަރ ސްޕޮންސަރޝިޕްއާ ޚިލާފުވުމުގެ 12 މައްސަލަ
- – ވިސާގެ ނަހަމަ ބޭނުންކުރުމުގެ 12 މައްސަލަ
- – އެކި ބާވަތުގެ ކުށް ކުރުމުގެ 11 މައްސަލަ
- – މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ 10 މައްސަލަ
މީގެއިތުރުން، އާންމު ސިއްޙަތަށް ނުރައްކާވާ ގޮތަށް ބޭނުންކުރަމުން އައި 8 ތަނެއްގެ މައްސަލަ، ހިއުމަން ޓްރެފިކިންގގެ 7 މައްސަލަ، އަދި ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުމުގެ 7 މައްސަލަ ވެސް ވަނީ ހުށަހެޅިފައެވެ.
އިމިގްރޭޝަނުން ބުނާ ގޮތުގައި، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ ޚާއްސަ އިސްކަމެއް ދެމުންނެވެ. މި މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން، އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

