ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން އުސޫލާ ޚިލާފަށް ވެލި ނަގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭ އިން ބުނެފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން އުސޫލާ ޚިލާފަށް ގިނަ އަދަދަކަށް ވެލި ނަގާ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އޭޖެންސީން ވަނީ އަންގާފައެވެ.
އީޕީއޭގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ޢާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ މެޝިނަރީ ބޭނުންނުކޮށް، ހަމައެކަނި ޒަރޫރީ ބޭނުމަށް ވެލި ނެގުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ކަމަށެވެ. ނަމަވެސް، މިފަދަ ސަރަހައްދުތަކުން ހެދިފައިވާ އުސޫލުތަކާ ޚިލާފަށް ގިނަ އަދަދަކަށް ވެލި ނަގާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އީޕީއޭ އިން ފާހަގަކޮށްފައިވެއެވެ.
“މެޝިނަރީ ބޭނުންކޮށްގެން އަދި ވިޔަފާރި އުސޫލުން އެކި އެކި ބޭނުމަށް ވެލި ނަގަމުންދާކަން މި އޭޖެންސީއަށް ވަނީ ފާހަގަކުރެވިފައި،” އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އީޕީއޭ އިން އިތުރަށް ވިދާޅުވެފައިވަނީ، ކޮންމެ އަތޮޅެއްގައިވެސް، މެޝިނަރީ ބޭނުންނުކޮށް، ރައްޔިތުންގެ ޒަރޫރީ ބޭނުމަށް ވެލި ނެގުމަށް ވަކި ޚާއްޞަ ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މެޝިނަރީ ބޭނުންކޮށްގެން ފަޅު ފުންކުރުމާއި ވެލި ނެގުމުގެ މަސައްކަތްތަކަކީ، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމަށްފަހު ކުރިއަށް ގެންދެވޭނެ މަސައްކަތްތަކެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
އީޕީއޭ އިން އަންގާފައިވަނީ، މެޝިނަރީ ބޭނުންކޮށްގެން ވެލި ނަގަން ޖެހިއްޖެ ހިނދެއްގައި، އަތޮޅު ކައުންސިލާއި އަދި ކަމާގުޅޭ އެހެން ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާކޮށް، އެކަމަށް ޚާއްޞަ ފަޅެއް ކަނޑައަޅައި، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ އެއްގޮތަށް އީއައިއޭ މަރުޙަލާ ފުރިހަމަ ކުރުމަށެވެ.
އީޕީއޭ އިން ވަނީ ތަންފީޒުކުރަމުންދާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި ގަވާއިދުތަކާއި އުސޫލާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް އެ އޭޖެންސީން ވަނީ އަންގާފައެވެ.

