ގއ. ދެއްވަދޫގެ ބަނދަރާއި، ރަށްގިރުމުގެ މައްސަލައާއި، ކުނި މެނޭޖްކުރުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް މިއަހަރުގެ ބަޖެޓުގެ ތެރެއިން ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހުވަދު އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެއްވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ދެއްވަދޫގެ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ކަންކަމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ރަށުގައިހުރި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. މިގޮތުން، ރަށްގިރުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
އަދި ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި، ރަށުގެ ބިން ހިއްކައިގެން އިތުރުކުރެވޭ ބިމުގައި ދާއިމީ ކުނި ކޮށްޓެއް ތަރައްޤީކުރުމަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ދެއްވަދޫގެ ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއަށް މުހިންމު ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ސިއްޙީ މަރުކަޒުގައި އިތުރު ވަސީލަތްތައް ޤާއިމުކުރުމާއި، ކުޑަކުދިންގެ ޑޮކްޓަރެއް ހޯދުމާއި އެކްސްރޭ ޚިދުމަތް ފޯރުކޮށްދިނުން ފަދަ ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސީ އެމްބިއުލާންސްގެ ޚިދުމަތް މިހާރަށްވުރެ ފުޅާކުރުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދެއްވަދޫ އައިސްޕްލާންޓް މަރާމާތުކޮށް އެރަށުގައި އިތުރު އައިސްޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް މަސްވެރިކަމާބެހޭ ވުޒާރާއިން ކުރައްވަމުންގެންދަވާކަމަށެވެ. މަސްވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގެ އިޤްތިސާދުގައި މުހިންމު ސިނާޢަތެއްކަމަށާއި، މިއީ ދިވެހިންގެ ގިނަ ބަޔަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްކަން ފާހަގަކުރައްވައި، މި ސިނާޢަތަކީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ވަރުގަދަ ސިނާޢަތަކަށް ކުރިމަގުގައި ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

