ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު ކުރިއަށް އޮތް ރޯދަމަހުގެ ކުރިން އާންމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މި މަޢުލޫމާތު ރައީސް ހާމަކުރެއްވީ ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މި 4000 ހައުސިންގ ޔުނިޓު ދޫކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތް ރިވިއުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރެއްވުމާއެކު ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ ވީހާވެސް އަވަހަކަށް މި 4000 ހައުސިންގ ޔުނިޓު އޭގެ ވެރިފަރާތްތަކަށް ދޫކުރެވުން ކަމަށެވެ.
މި މަޝްރޫޢުއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މަކަރާއި ހީލަތުން އަދި ފޯޖް ޑޮކިއުމަންޓްތަކުގެ ބޭނުންކޮށްގެން ހޯދާފައިވާ ފްލެޓުތަކާއި ގޯތި، އަދި އޭސީސީގެ ތަޙުގީގަށް ހާމަވެފައިވާ ކޮރަޕްޝަންގެ ތެރެއިން ލިބިފައިވާ ގޯއްޗާއި ފްލެޓު ފިޔަވައި، އެހެން ހުރިހާ ފަރާތްތަކަށްވެސް އެމީހަކަށް ފްލެޓާއި ގޯތި ލިބުނު ތަނަކުން ގޯއްޗާއި ފްލެޓު ދެއްވާނެ ކަމަށެވެ.
ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓު ޙައްޤު ގޮތުގައި ލިބިފައިވާ އެއްވެސް ފަރާތެއްގެ އަތުން ގޯއްޗާއި ފްލެޓު އަތުނުލައްވާނެ ކަމަށެވެ.

