ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 3 ދުވަހުގެ މުއްދަތަށް ހުވަދުއަތޮޅުގެ 9 ރަށަކަށް ކުރެއްވި ދަތުރުފުޅު އިއްޔެ ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވީ ގދ. އަތޮޅުގެ 5 ރަށަކަށާއި، ގއ. އަތޮޅުގެ 4 ރަށަކަށެވެ.
ގދ. އަތޮޅުން ރައީސް ވަޑައިގަތީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫއަށެވެ. އަދި ގއ. އަތޮޅުން ވަޑައިގަތީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ހޯނޑެއްދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވާފައެވެ. އަދި ހޯނޑެއްދޫ، ނަޑެއްލާ، ކަނޑުހުޅުދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބެހެއްޓުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވާފައެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ވެވުނު އެއްބަސްވުންތަކެކެވެ.
ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި 9 ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްތަކުގެ ތަރައްޤީއާއި ކުރިއެރުމަށް ކައުންސިލްތަކާއި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގައި ކުރިއަށްދެވޭނެ ގޮތްތަކާއި، ސަރުކާރުގެ ސިޔާސަތުތައް ހިއްސާކުރައްވާފައިވެއެވެ. އަދި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެ ރަށްތަކަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
ހުވަދުއަތޮޅަކީ މަސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުންދާ އެއް ސަރަޙައްދު ކަމަށްވުމާއެކު، މަސްވެރިކަމުގެ ދާއިރާއިން ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވައިދެއްވާ، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސް ވަނީ ގއ. ކޫއްޑޫގައި މިފްކޯއިން ހިންގާ ބައެއް އޮޕަރޭޝަންތައް ބައްލަވާލައްވައި، މަސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.

