މަޝްޢަރު ޓުއާސްގެ ނަމުގައި ރަޖިސްޓްރީނުކޮށް ހިންގާ ގުރޫޕެއްގެ ހަވާލުގައި މިދިޔަ އަހަރުގެ ރަމަޟާން މަހު ޢުމްރާއަށް ދިޔަ ދިވެހިންތަކެއް މައްކާގައި ތާށިވި މައްސަލައިގައި އެ ގްރޫޕުގެ ވެރިންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް، ފުލުހުން ފޮނުވައިފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ 2024 އެޕްރީލް 13 ވަނަ ދުވަހު މަޝްޢަރު ޓުއާސްއިން ޙައްޖުވެރިންތަކެއް ޙައްޖަށް ފޮނުވަން ކަމަށް ބުނެ ފޮނުވި ޗެކްތަކެއް ބައުންސްވި މައްސަލައެއް އެ އިދާރާއަށް ހުށަހަޅައިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަޙްޤީޤު ނިންމުމަށްފަހު ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2024 ޑިސެމްބަރު 2 ގައި ކަމަށް ފުލުހުން ވަނީޒ ބުނެފައެވެ.
މަޝްޢަރު ޓުއާސްގެ ވެރިޔާ ޢަލީ ފާރިޝްގެ އެފަދަ މައްސަލައެއް 2023 ވަނަ އަހަރު ވެސް ފެންމަތިވިއެވެ. އެ ފަހަރު އެ ގުރޫޕުން މީހުން ޢުމްރާއަށް ގެންދިޔައީ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ނަމުގައެވެ. އެއީ 138 މީހުންނެވެ. ނަމަވެސް އެ މީހުންގެ ޓިކެޓަށްވާ ފައިސާ ނުދައްކައި ލަސްކޮށް، އެންމެ ފަހުން ޗެކް ބައުންސްވުމުން ޢުމްރާވެރިން މައްކާގައި ތާށިވި މައްސަލައިގައި އެ ގްރޫޕްގެ ހުއްދަ މިނިސްޓްރީން ބާޠިލް ކުރިއެވެ.
މިދިޔަ އަހަރު ޢަލީ ފާރިޝް މީހުން ޢުމްރާއަށް ގެންދިޔައީ މަޝްޢަރު ޓުއާސްގެ ނަމުގައި ޓްރެވަލް އެޖެންސީއެއް ހަދައިގެންނެވެ. އެ ގުރޫޕުގެ ހަވާލުގައި 50 އެއްހާ މީހުން މިދިޔަ އަހަރުގެ ރަމަޟާން މަހު ޢުމްރާއަށް ދިޔައިރު، އެއީ ރަޖިސްޓަރީ ކޮށްފައިވާ ޓްރެވަލް އެޖެންސީއެއް ނޫން ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.
މަޝްޢަރު ޓުއާސްގެ ހަވާލުގައި ޢުމްރާއަށް ދިޔަ މީހުންނަށް ނުފުރި މައްކާގައި ތާށިވި އިރު، އެ އެޖެންސީއަށް މި ފަހަރު ޓިކެޓް ވިއްކި އޭޖެންޓް އޭސް ޓްރެވަލްސް އިން ވަނީ ކަނޑައެޅި މުއްދަތުގައި އެ އެޖެންސީން ފައިސާ ނުދެއްކުމުން ރިޓާން ޓިކެޓުތައް މިދިޔަ މަހު ފަހުކޮޅުގައި ކެންސަލްކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 17 ގައި ވަކި ގުރޫޕެއްގެ ނަން ފާހަގަނުކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެއިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ރަސްމީ އުޞޫލުތަކާއި ޚިލާފަށް މީހުން އަތުން ފައިސާ ނަގައި އެ އަށް އިހުމާލުވަމުން ދާ ޖަމާޢަތެއްގެ މައްސަލޢަތެއްގެ މައްސަލަ ތަޙްޤީޤުކޮށް، ފިޔަވަޅު އެޅުމަށް ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށެވެ.
އެ މައްސަލައިގައި މަޝްޢަރު ޓުއާސްއާއި އިސްލާމިކް މިނިސްޓްރީއާ ދެމެދުގައި މުޢާމަލާތް ކުރުމަށްފަހު އެ އެޖެންސީގެ ޚަރަދުގައި އެ މީހުން ރާއްޖެ ގެނައީ އެ މީހުން ރާއްޖެ އަންނަން އޮތް ތާރީޚަށް ވުރެ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އެ މުއްދަތުގައި އެ މީހުން މައްކާގައި ތިބުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާފައިވަނީ ޙައްޖުވެރިންގެ އަމިއްލަ ޚަރަދުގައެވެ.

