ހުވަދޫ އަތޮޅަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު ރައިސް ޑރ. މުޢިއްޒު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހުވަދުއަތޮޅުން ވަޑައިނުގެންނެވި ހުރި ރަށްތަކަށް ޒިޔާރަތްކުރައްވައި އަދި ބައްދަލުނުކުރެއްވި ހުރި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވެއެވެ. އެމަނިކުފާނު ވަނީ މިދަތުރުފުޅުގައި ޒިޔާރަތްކުރެއްވި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވިދާޅުވެދެއްވާފައެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތުވެސް ރައީސް ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގައި ރައްޔިތުންނާ މުޚާޠިބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި ރައީސް ވަނީ ވަރަށް މުހިންމު، އުންމީދީ މައުލޫމާތު ތަކެއް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި އޮތް ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯއްދަވައި ދެއްވުންކަން އެމަނިކުފާނު ތަކުރާރުކުރައްވާފައިވެއެވެ. އެއަމާޒަށް ވާޞިލުވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ކަންކަމުގެތެރޭގައި ހިމެނޭ، ހިޔާވެހި ފައިނޭންސިންގް ޕްރޮގްރާމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް ކަމަށާއި، މި ފުރުޞަތުގެ ބޭނުން ހުރިހާ ރައްޔިތުންވެސް ހިއްޕެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖޭގައި ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަންކަމުގައި ފާހަގަކުރައްވައި ސަރުކާރުގެ އަމާޒަކީ، ދަނޑުވެރިކަމުގެ ސިނާޢަތުގެ ހިންގުން ހަރުދަނާކުރުންކަމަށާއި ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތްވެސް މިހާރު ސަރުކާރުން ފައްޓަވައި، އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދު ވެއްޓިފައި އޮތް ހާލަތުން ސަލާމަތްކޮށް، އިޤްތިޞާދު ސިންދަފާތުކުރުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތުވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތައް ކުރައްވަމުން ގެންދަވާ، ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެވެ.
ރައީސް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

