މުޖުތަމަޢުގެ އެކި ގިންތިތަކުގެ ތެރެއިން، މުވައްޒަފުންނަކީ އެންމެ މަތިވެރި އަޚްލާޤީ ސިފަތަކުން ޒީނަތްތެރިވާންޖެހޭ ބައެއް
އިސްލާމީ އުންމަތެއް ހެޔޮ އުންމަތަކަށް ވެގެން ދަނީ އެ އުންމަތުގެ އަޚްލާޤީ މިންގަނޑުތައް މަތިވެރިވެގެންނެވެ. އިސްލާމްދީނުގެ އެންމެ މުހިންމު އަސާސްތަކުގެ ތެރޭގައި ހިމެނެނީ ރިވެތި އަޚްލާޤެވެ. އަދި އަޅުކަމުގެ މައިގަނޑު ދެ ބައި ކަމުގައިވާ ޢިބާދާތާއި މުޢާމަލާތް ވަނީ ގުޅިލާމެހިފައެވެ.
މަސައްކަތުގެ އަހުލާގު މި މައުޟޫގެ މައްޗަށް އަލިއަޅުވައިގެނައި ހުތުބާގައި މާތްﷲގެ ހަޟްރަތުގައި މަސައްކަތް ކުރުމަށް ދެވިފައިވާ ދަރަޖަ އާމެދު ވަނީ ވާހަކަދައްކައިފައެވެ. އެގޮތުން ހުތުބާގައި ބުނީ މާތްﷲ ވަނީ އެކަލާނގެއަށް އަޅުކަން ކުރުމަށްފަހު، ދުނިޔަވީ ދިރިއުޅުމުގެ މުޢާމަލާތްތައް ކުރުމަށް ބިމުގައި ފެތުރިގަތުމަށް އަމުރުކުރައްވާފައި ކަމަށެވެ. އަދި ނަމާދު ނިންމުމަށްފަހު، ﷲގެ ފަޟުލު ވަންތަކަމުން އެދި، އެކަލާނގެ ހަނދުމަކުރުމާއެކު ރިޒުޤު ހޯދުމަށް ނުކުތުމަށް އަންގަވާފައިވާ ކަމަށެވެ.
މުޖުތަމަޢުގެ އެކި ގިންތިތަކުގެ ތެރެއިން، މުވައްޒަފުންނަކީ އެންމެ މަތިވެރި އަޚްލާޤީ ސިފަތަކުން ޒީނަތްތެރިވާންޖެހޭ ބައެކެވެ. ކޮންމެ މުވައްޒަފަކުވެސް އޭނާ އުފެއްދެވި މަޤްޞަދު ހަނދާންކޮށް، އެމަގުން މަސައްކަތްކުރަންޖެހެއެވެ. މިގޮތުން މާތްﷲ އާއި އަޅާއާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރެވި، އަދި އެހެން މީހުންނާއެކު ކުރެވޭ މުޢާމަލާތްތައް އަޚްލާޤީ އިމުގެ ތެރެއިން ކުރެވިގެން މެނުވީ މި މަޤްޞަދު ހާސިލެއް ނުވާނެކަމަށް މިއަދުގެ ހުތުބާގައި ވަނީ ނަސޭހަތްތެރިވެ ބުނެދީފައެވެ.
މުވައްޒަފެއްގެ ގޮތުގައި ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ވަޒީފާ އެއްބަސްވުމުގައި ސޮއިކޮށް، އެއާ އެއްގޮތަށް އަމަލުކުރުން ކަމަށާއި މުވައްޒަފުންގެ މައްޗަށް އަދާކުރަން ލާޒިމްވެގެންވާ މަސްއޫލިއްޔަތަކީ ނުހަނު ބޮޑު އަމާނާތެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ..
ވަޒީފާ ބަޔާނުގައިވާ ކޮންމެ ބަހަކާއި ޖުމްލައަކީ ޚިދުމަތް ދިނުމަށް އެޅޭ ވަރުގަދަ ބިންގަލެއް ކަމަށާއޮ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އިޙްތިރާމާއި އޯގާތެރިކަމާއެކު، އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ދޭންވާނެކަން ފާހަގަކުރުމާއެކު ހުތުބާފައި ބުނީ ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ފަދައިން، މަސައްކަތް ވީހާވެސް ފުރިހަމަކޮށް ކުރުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ ކަމެއް ކަމަށެވެ.
އޮފީހުގެ ވަސީލަތްތަކާއި، ވަގުތާއި، މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަކީވެސް އަމާނާތެއްކަން ހަނދާންކޮށްދެމުން ހުތުބާގައި ބުނީ އެހެންކަމުން، މި އަމާނާތްތައް ރައްކާތެރިކޮށް ހިފަހައްޓައި، އަމިއްލަ ކަންކަމުގައި ވަގުތު ހޭދަކުރާއިރުވެސް މި އަމާނާތްތައް ހަނދާންކުރަންވާނެ ކަމަށެވެ.
އޮފީހުގެ މުދަލާއި ތަކެތި ބޭނުންކުރުމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެވޮޑިގެންވާކަން ހަނދާންކުރަންޖެހޭ ކަމަށާއި އަދި އޮފީހުގެ ސިއްރު މަޢުލޫމާތުތައް އިޖުތިމާޢީ ވިއުގަތަކުގައި ހާމަކުރުމަކީ ފަހުން ދެރަވާންޖެހިދާނެ ކަމެއްކަމަށްވެސް ހުތުބާގައި ވަނީ ބުނެދީފައވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގައި ވާގޮތުން އަމާނާތްތެރިކަން ނެތް މީހާގެ އީމާންކަން ފުރިހަމަނުވާނެއެވެ. އަދި އަނބިދަރީންނަށް ވަފާތެރިނުވާ މީހާގެ ދީންވެރިކަންވެސް ފުރިހަމަނުވާނެއެވެ.
މަސައްކަތުގެ މާޙައުލަކީ ރައްކާތެރި، ތަހުޒީބު ތަނަކަށް ހެދުމަކީ ކޮންމެ މުވައްޒަފެއްގެވެސް މަސްއޫލިއްޔަތެއް ކަމަށާއި މުވައްޒަފުންގެ މެދުގައި އޮންނަންވާ އުޚުއްވަތްތެރިކަމަށް ހުރަސްއެޅޭފަދަ ޢަމަލުތަކާއި ވާހަކަތައް ފެތުރުމަކީ މަސައްކަތުގެ މާޙައުލު ހަލާކުކޮށް، މަސައްކަތުގެ ފޯރި ގެއްލުވާލާ، މުވައްޒަފުންގެ ކުރިއެރުމަށް ހުރަސްއަޅާ ކަމެއްކަން ހަނދާން ކޮށްދިނުމާއެކު ހުތުބާގައި ވަނީ މިފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސް ކޮށްފައެވެ.
އިންސާނީ ޙައްޤުތަކާއި ކަރާމާތަކީ މުހިންމު އަމާނާތެކެވެ. ކޮންމެ ވަޒީފާއެއްގައިވެސް މުވައްޒަފުންގެ މައްޗަށް ވާޖިބުތަކެއް އޮންނަފަދައިން، ވަޒީފާދޭ ފަރާތުގެ މައްޗަށްވެސް ޙައްޤުތަކެއް އެކުލެވިގެންވެއެވެ. މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، މުސާރައާއި ޢިނާޔަތްތައް ގަވާއިދުން ދިނުމާއި، ޗުއްޓީތަކާއި ހުސްވަގުތު ހަމަހަމަކަމާއެކު ދިނުމާއި، ޢަދުލުވެރިކަމާއި އޯގާތެރިކަމާއެކު މުޢާމަލާތްކުރުން މުހިންމެވެ. ދައުލަތާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަކީ އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ކަމެކެވެ.
މުއައްސަސާއެއްގެ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ އެތަނުގެ މަޤާމުތަކަށް ޤާބިލު މީހުން ލިބި، އެމީހުންގެ ކިބައިގައި އިޚްލާޞްތެރިކަމާއި ތެދުވެރިކަން ހުރެގެންނެވެ. މިކަންކަން ނެތި މުއައްސަސާއެއްގެ ހިންގުން ރަނގަޅެއް ނުވާނެއެވެ.
މާތްﷲ ވަޙީކުރައްވާފައިވާ ފަދައިން، އެކަލާނގެ ޙަޟްރަތަށް އަޅުގަނޑުމެން އެނބުރި ދާންޖެހޭ ދުވަހަކަށް ބިރުވެތިވާންޖެހެއެވެ. އެދުވަހު ކޮންމެ މީހަކަށްވެސް އެމީހަކު ކުރި ޢަމަލުތަކުގެ ޖަޒާ ލިބޭނެއެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ނުވާނެއެވެ. ވަޒީފާގެ މާޙައުލުގައި ކުރެވޭ މަސައްކަތްތަކުގައި ބަރަކާތް ލެއްވޭނީ އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށް، މާތްﷲ އަށް ބިރުވެތިވެ، ހަވާލުކުރެވޭ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމުންނެވެ. މަސައްކަތުގައި އޮޅުވާލައި، ފަރުވާކުޑަކޮށްފިނަމަ، އޭގެ ބަރަކާތް ގެއްލިގެންދާނެއެވެ.
ވަޒީފާގެ މާޙައުލު އޮންނަންވާނީ މާތްﷲގެ ރުހިވޮޑިގަތުން ހޯދޭނެހެން ރޭވިފައެވެ. ނަމާދު ފަދަ އަޅުކަންތައް ފަސޭހައިން ކުރެވޭނެ ގޮތަށް ހަމަޖެހިފައި ހުންނަންވާނެއެވެ. އިންސާނީ ކަރާމާތުގެ އަސާސަކީ ރިވެތި އަޚްލާޤެވެ. އިސްލާމީ އުންމަތް އެހެން އުންމަތްތަކާ ތަފާތުވަނީ މި ރިވެތި އަޚްލާޤުގެ ސަބަބުންނެވެ. އެހެންކަމުން، އަޅުގަނޑުމެން ރިވެތި އަޚްލާޤުން ޒީނަތްތެރިވާން ޖެހެއެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ފަދައިން، ސުރުކާހުތުގެ ސަބަބުން މާމުއި ނުބައިވާހެން، ނުބައި އަޚްލާޤުގެ ސަބަބުން އިންސާނާގެ ހެޔޮ ޢަމަލުތައް ބާޠިލުވެގެންދެއެވެ.
އަމިއްލަ އާއިލާއާއި މުޅި މުޖުތަމައުގެ ކުރިއެރުމަށްޓަކައި، ވަޒީފާގެ މަސްއޫލިއްޔަތުތަކަށް އެކަށީގެންވާ އަހައްމިއްޔަތުކަމާއި ވަގުތު ދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަމިއްލަ ނަފްސަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގަނެވޭނީ މަސައްކަތުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ހިފެހެއްޓޭ މިންވަރަކުންނެވެ.
ވަޒީފާގެ މާހައުލުގައި، ވަޒީފާދޭ ފަރާތާއި އަމިއްލަ ނަފްސާއި އެހެން މުވައްޒަފުންނާއެކު ކުރެވޭ ދަތުރުގައި، އެކުވެރިކަމުގެ ގުޅުން ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. އެއްވެސް މީހަކު ހައްދުފަހަނައަޅައިފިނަމަ، އެހެން އެންމެންވެސް އެގޮތަށް ދާން މަޖުބޫރުވެދާނެކަން ހަނދާންކުރަންވާނެއެވެ. އެހެންކަމުން، ރަނގަޅު މަގުގައި ދަތުރުކޮށް، ރައްކާތެރިކަމާއެކު މަންޒިލަށް ވާސިލުވެވިއްޖެނަމަ، ދަތުރުގެ ހުރިހާ ބައިވެރިންނަށްވެސް އަމާންކަމާއި އުފާވެރިކަން ލިބިގެންދާނެއެވެ.
މި އުސޫލުތަކަށް ފަރުވާތެރިވެއްޖެނަމަ، އުފާވެރިކަން ލިބިގެންދާނީ އަމިއްލަ ނަފްސަށާއި، އާއިލާއަށާއި، މުޅި މުޖުތަމައަށެވެ. ވަޒީފާ އަދާކުރުމުގެ މައިގަނޑު މަޤްޞަދަކަށް ވާންޖެހޭނީ ދުނިޔެ އާބާދުކުރުމެވެ. އަދި އެކަމުގެ ނަތީޖާއަކަށް ވާންޖެހޭނީ އަބަދީ ކާމިޔާބު ހޯދުމެވެ.

