މޯލްޑިވިއަން، ގައުމީ އެއާލައިންގެ ފްލީޓަށް އަލަށް އިތުރުކުރި ދުރު ރާސްތާ ދަތުރުކުރެވޭ އޭ330 މަރުކާގެ ވައިޑްބޮޑީ މަތިންދާބޯޓު އިފްތިތާހުކުރުމުގެ އުފަލުގައި ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ. މި ހަވީރު އޮންނާނީ މިއަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4 އިން 6 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
މި ހަވީރުގައި މޯލްޑިވިއަންގެ މުވައްޒަފުންގެ ސްޓޯލްތަކުގައި ކުޅިވަރުގެ އެކި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާއިރު، އިނާމު ދިނުމާއި، ލައިވް ޕަފޯމަންސްތަކާއި އެހެނިހެން މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ގައުމީ އެއާލައިނަށް ވައިޑްބޮޑީ އެއާކްރާފްޓް ގެނައުމަށް ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހުއެވެ. އަދި މި މަހުގެ 2 ވަނަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭ330 މަރުކާގެ މަތިންދާބޯޓެއް ރަޖިސްޓްރީކުރެވުނެވެ. މި ބޯޓު، މި މަހުގެ 6 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖެއްސީ މޯލްޑިވިއަން އިން އާންމުންނަށް ދައްކައިލި އެއަރ ޝޯ އަކާ އެކުގައެވެ.
މޯލްޑިވިއަން އިން އަލަށް ގެނައި އެއަރބަސް އޭ330 ގައި ތިން ކްލާހެއްގައި ޖުމްލަ 264 ގޮނޑި ހިމެނެއެވެ. އެއީ ބިޒްނަސް ކްލާހުގައި 18 ގޮނޑިއާއި، ޕްރިމިއަމް އިކޮނޮމީ ކްލާހުގައި 36 ގޮނޑިއާއި، އިކޮނޮމީ ކްލާހުގައި 210 ގޮނޑިއެވެ. މި މަތިންދާބޯޓުގެ ދަތުރުތައް މި މަހުގެ 21 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުރަތަމަ ދަތުރު ކުރާނީ ޗައިނާގެ ޗެންގްޑޫ އަށެވެ.

