ހޮސްޕިޓަލްގެ އިމަޖެންސީ ރޫމަށް ގެންދަނިކޮށް މަރުވި ނޭޕާލްގެ އަންހެން މީހާގެ ހަށިގަނޑު އޭނާގެ ގައުމަށް ފޮނުވާލައިފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.
ނޭޕާލް ރައްޔިތެއް ކަމަށްވާ ކުންޗަން ދުންގަލް (25އ) ނިޔާވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 9 ނޮވެންބަރު 2024 ވަނަ ދުވަހުގެ ހެނދުނުއެވެ. އޭނާ ނިޔާވިއިރު އުމުރުން 25 އަހަރެވެ.
ފުލުހުން ކުރިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ކުންޗަން ދުންގަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީއެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި އޭނާގެ ހަބަރު ހުސްވީ ކަމަށް ވެސް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުރަތަމަ އަޑުފެތުރުނީ އޭނާއަށް ރޭޕްކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އެކަން ދޮގުކުރިއެވެ. މެޑިކަލް ރިޕޯޓުގައިވާ ގޮތުން ކުންޗަން ދުންގަލް މަރުވި ސަބަބު “ނޭނގޭ” ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އޭނާއަކީ އެނީމިއާ ބައްޔަށް ބޭސްކޮށްފައިވާ މީހެއް ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މެޑިކަލް ރިޕޯޓުގައި އޭނާއަށް އެއްވެސް ކަހަލަ ޖިންސީ އަނިޔާއެއް ނުވަތަ ގޯނާއެއް ކޮށްފައިވާ ކަމަށް އެއްވެސް މިންވަރަކަށް ބަޔާންކޮށްފައެއް ނުވެއެވެ.
ކުންޗަން ދުންގަލްގެ ހަށިގަނޑާ ސްޕޮންސަރ ހަވާލުވެފައި ނުވާތީ، އޭނާގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވަނީ ފުލުހުންގެ ހަވާލުގައެވެ. އަދި މިއަދު 7 ޖެނުއަރީ 2025 ގައި އޭނާގެ ހަށިގަނޑު ނޭޕާލަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބަޔާންކޮށްފައިވެއެވެ.

