އުރީދޫ މޯލްޑިވްސްއިން އެކުންފުނީގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. މި ކަލަންޑަރަކީ ރާއްޖޭގެ މަޝްހޫރު ފުލޯކު ވާހަކަތަކުގެ ކެރެކްޓަރުތައް ހިމެނޭގޮތަށް އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ޚާއްޞަ ކަލަންޑަރެކެވެ.
އުރީދޫގެ މައި އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ކަލަންޑަރު ރަސްމީކޮށް ތަޢާރަފުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، މި އައު ކަލަންޑަރުގައި ހިމަނާފައިވަނީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ މަޝްހޫރުވެފައިވާ ފުލޯކު ވާހަކަތަކުގެ މުހިންމު ކެރެކްޓަރުތަކެވެ.
ކޮންމެ މަހަކަށް ވަކި ކެރެކްޓަރެއް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ މި ކަލަންޑަރުގައި "ފޫޅުދިގު ހަންޑި"އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓަރ ހިމެނެއެވެ. މިއީ ރާއްޖޭގެ ފުރަތަމަ އެން.އެފް.ސީ އިންޓަގްރޭޓަޑް ކަލަންޑަރު ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ކަލަންޑަރު އިފްތިތާހުކޮށްދެއްވަނީ / ފޮޓޯ:ޕީއެސްއެމް
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މުވާސަލާތީ އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާ ރާއްޖޭގައި ކުރިއަރުވައި، އާންމުން އެކަމަށް އަހުލުވެރިކުރުވުމުގައި އުރީދޫއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ކަމަށެވެ. އަދި މި ކަލަންޑަރުގެ ސަބަބުން ގޭގޭގައި ފުލޯކު ވާހަކަތައް އަލުން ދެކެވި، ޚާއްޞަކޮށް ކުޑަކުދިންގެ މެދުގައި ޝައުޤުވެރިކަން އުފެދޭނެ ކަމަށާއި، މުޖުތަމަޢުގެ ތެރޭގައި މި ވާހަކަތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯދައި، ރާއްޖޭގެ ތާރީޚު ދިރުވާ އާލާކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އުރީދޫއިން ބުނީ އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެ ކަމަށެވެ. ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށާއި، ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.

