ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ 132 ކިލޯވޯލްޓްގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓަރ މާލެ އިންޓަކަނެކްޝަން ގްރިޑާ ގުޅާލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަންގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދެވެ.
އިބްރާހިމް ނާޝިދު ވިދާޅުވި ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރިން އަންދާޒާކޮށްފައިވަނީ މާލޭގެ 10 ސަރަހައްދަކުން ކަރަންޓު މެދުކަނޑާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް މޫސުން ތަންދިނުމާއެކު، މާލޭގެ ދެ ސަރަހައްދަކުން އެއް ގަޑިއިރަށްވުރެ މަދު ވަގުތުކޮޅަކަށް ކަރަންޓު މެދުކަނޑާލައިގެން މި މަސައްކަތް ނިންމާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކްސްގައި ހިއްސާކުރެއްވި ވީޑިޔޯ މެސެޖުގައި ނާޝިދު ވިދާޅުވީ ފޭސް 2 ގައި ޤާއިމުކުރެވިފައިވާ ނެޓްވޯކް ކޭބަލްތައްވެސް މިއަހަރުތެރޭ ސަބްސްޓޭޝަނަށް ބަދަލުކުރާނެ ކަމަށެވެ. މިކަމާ ބެހޭގޮތުން ވާންޖެހޭ ތައްޔާރީތައް ވުމަށްފަހު ކަސްޓަމަރުންނަށް ހާމަކުރަމުން ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯގެ ޚިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.

