މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލާން ނުކުތީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 50 ޕަސެންޓް މެމްބަރުންކަން އެޕާޓީން މިއަދު އާންމު ކުރި އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބުނީ 93،612 މީހަކަށެވެ. އޭގެތެރެއިން އިންތިހާބުގައި ވޯޓުލާފައި ވަނީ 47،100 މީހުންނެވެ. މިއީ ހައްގު ލިބިގެންވާ މީހުންގެ 50.31 އިންސައްތައެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓާސް ލިސްޓު އެކުލަވާލާފައިވަނީ އެ ޕާޓީގެ ދަފުތަރުގައި ހިމެނިފައިވާ މެމްބަރުން ހިމަނައިގެންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާ މެދުގައެވެ. ރައީސް ސޯލިހްގެ ފެކްޝަނުން ބުނާ ގޮތުގައި އިންތިހާބުގައި ލިބުނު ގޮނޑިތަކާ އެކުގައި އެ ފެކްޝަނަށް ގައުމީ މަޖިލިހުގެ ފުރިހަމަ ކޮންޓްރޯލް ވަނީ ލިބިފައެވެ. އެއީ 100 އަށް ވުރެ ގިނަ ގޮނޑިއެވެ.
ނަމަވެސް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ގިނަ ކެންޑިޑޭޓުންތަކެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިންވެސް ރައީސް ނަޝީދު ފާޅުގައި ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރި ކެންޑިޑޭޓުންނަށެވެ.
މި އަހަރުގެ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެމްޑީޕީގެ މެމްބަރުން ވޯޓުލާން ނުކުތް އަދަދު މަދު ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އެހެންކަމުން ފުރަތަމަ ފަހަރަށް މާލޭގެ ކޮންޓްރޯލް އެމްޑީޕީއަށް ގެއްލި ކައުންސިލްގެ ގިނަ ގޮނޑިތައް ނެގީ އިދިކޮޅު ޕީޕީއެމުންނެވެ.

