ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން 5600 އަށްވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ޑިޕޯޓްކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ހިއްސާކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ޖުމްލަ 5613 ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ. މިއީ ސަރުކާރުން ކަނޑައެޅި 5000 ބިދޭސީން ޑިޕޯޓްކުރުމުގެ އަމާޒަށްވުރެ އިތުރު އަދަދެކެވެ.
އިމިގްރޭޝަނުން ބުނާގޮތުގައި މިދިޔަ އަހަރު ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ގިނަ ރެއިޑް އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މިކަމަށްޓަކައި ތަންފީޒީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތައް ހިމެނޭ ހާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިވެއެވެ.
އިމިގްރޭޝަނުން ވަނީ “އިމިގްރޭޝަން ވޮޗް” ގެ ނަމުގައި ހާއްސަ ޕްލެޓްފޯމެއް ތަޢާރަފްކޮށްފައެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް މިދިޔަ އަހަރު ޖުމްލަ 1161 ރިޕޯޓް ހުށަހެޅުނު ކަމަށާއި، އޭގެ ތެރެއިން 1061 މައްސަލަ ބަލާފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަން ވޮޗަށް އެންމެ ގިނައިން ހުށަހެޅުނީ ބިދޭސީ މަސައްކަތްތެރިން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލަތަކާއި ވޯކް ވިސާގެ މައްސަލަތަކެވެ. މި ދެ ބާވަތުގެ މައްސަލަތަކުން 239 މައްސަލަ ވަނީ ހުށަހެޅިފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ބުނެ، މި މައްސަލަ ނިޒާމީ ގޮތުން ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މީގެ ތެރޭގައި ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމާއި، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުޞަތު ދިނުން ހިމެނެއެވެ.

