ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދިޔަ ކަމުގެ ތުހުމަތު ކުރެވޭ އިތުރު 2 ބިދޭސީ އަންހެނަކު ޑީޕޯޓުކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްދެއްވީ މޯލްޑިވްސް އިމިގްރޭޝަނުންނެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މި ދެ އަންހެނުން ހައްޔަރުކުރެވުނެވެ. ހައްޔަރުކުރެވުނު ދެ އަންހެނުންނަކީ ވިއެޓްނާމަށް ނިސްބަތްވާ ތިމޮންގތުންގުއޭން (40އ) އާއި ހޮއޭންތިތަންހ (41އ) އެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ދެ އަންހެނުންގެ ތެރެއިން އެކަކު ރާއްޖޭގައި އުޅެމުން ދިޔައީ ވޯކް ވިސާގައެވެ. އަނެކަކު ރާއްޖެ އައިސްފައިވަނީ ޓޫރިސްޓު ވިސާގައެވެ. މި ދެ އަންހެނުންގެ މައްސަލަ ތަޙުޤީޤުކުރުމަށްފަހު، މިހާރު ވަނީ ޑީޕޯޓުކޮށްފައެވެ.
މި ދެ އަންހެނުން ޑީޕޯޓު ކުރެވުނީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ދަށުންނެވެ.
މި މަސައްކަތުގެ ދަށުން މިހާތަނަށް ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ ގިނަ ބަޔަކު ވަނީ ޑީޕޯޓުކޮށްފައެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ގަވާއިދާ ޚިލާފުވެފައިވާ 5000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ.

