ފުންނާބުއުސް ފައިވާން ނުވަތަ ހައިހީލްސްއަކީ އަންހެން ބޭފުޅުންގެ މެދުގައި ވަރަށް މަޤުބޫލު، އަދި ފެޝަނަބަލް އެއްޗެކެވެ. ނަމަވެސް މިއީ ދިގު މުއްދަތަކަށް ބޭނުންކުރުމުން ސިއްހީ ގޮތުން ގިނަގުނަ ގެއްލުންތަކެއް ލިބޭ އެއްޗެކެވެ. ގިނަ ބަޔަކަށް މިކަން އެނގިވަޑައިނުގަންނަވާކަން ފާހަގަކުރެވެއެވެ.
ހައިހީލްސްގެ ސަބަބުން ބުރަކަށްޓަށް ކުރާ އަސަރު: ހައިހީލްސް ލައިގެން ހުންނައިރު ހަށިގަނޑު ތެދުކޮށް އިސްކޮޅުން ދިގުކަމަށް ދައްކާކަން ތަޖުރިބާކާރުން ފާހަގަ ކުރައްވައެވެ.
ނަމަވެސް މިކަމުގެ ސަބަބުން ބުރަކަށްޓަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އާންމު ހާލަތުގައި ބުރަކަށީގައި ހުންނަ ސީ ކަރވްގެ ބައްޓަން ބަދަލުވެ، ވަގުތު ފާއިތު ވަމުންދާ ވަރަކަށް، ޑިސްކްތަކާއި ހުޅުތަކާއި ބުރަކަށީގައި ހުންނަ ލިގަމެންޓްތަކުގައި ހުންނަ ކާޓިލޭޖްތަކަށް ނޭދެވޭ ބަދަލުތަކެއް އަންނަމުންދެއެވެ.
ކަކުލަށް ކުރާ ނޭދެވޭ އަސަރުތައް: ހައިހީލްސް ލައިގެން ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ކަކުލުގެ ޓޯކް އާއި ކޮމްޕްރެޝަންގެ ސަބަބުން ކަކުލު ހުޅުގައި ރިއްސުން އާންމު ކަމެކެވެ. ޚާއްސަކޮށް އަންހެން ބޭފުޅުންގެ މެދުގައި "ވޭއާ އެންޑް ޓީއާ އާތުރައިޓިސް" ނުވަތަ ކަކުލުގެ އޮސްޓިއޯއާތުރައިޓިސް އާންމުވުމުގެ މައިގަނޑު އެއް ސަބަބަކީ ހައިހީލްސް ބޭނުންކުރުމެވެ.

ހައިހީލްސް، ދިގު މުއްދަތަކަށް ބޭނުންކުރުމުން ސިއްހީ ގޮތުން ގިނަގުނަ ގެއްލުންތަކެއް ލިބޭ/ފޮޓޯ:އައިޑިއަލްސް
ރައްކާތެރި ވުމަށްޓަކައި އަބަދު ހައިހީލްސް ނޫން ގޮތެއް ހޯދުން: ހަށިގަނޑުގެ ސިއްހަތަށް އަހަންމިއްޔަތުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން، ހައިހީލްސްގެ ބަދަލުގައި މެދުމިން ވަރުގެ ތިރި ފައިވާނެއް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ކޮންމެހެން ހައިހީލްސް ބޭނުންކުރަން ޖެހޭ ހާލަތްތަކުގައި ވީހާވެސް ކުރު ވަގުތަކަށް ބޭނުންކުރުމަށް އަހަންމިއްޔަތުކަން ދޭންވާނެއެވެ. އަދި ދިގު މުއްދަތަކަށް ހައިހީލްސް ބޭނުންކުރާނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.
ހައިހީލްސްގެ ސަބަބުން ލިބޭ ގެއްލުންތަކާއި ރައްކާތެރި ވެވިދާނެ ގޮތްތައް:
- ލޭ ދައުރުވުމަށް ކުރާ އަސަރު
- ހައިހީލްސްގައި ކޮޅަށް ހުންނައިރު، ކަކުލުގެ މަސްގަނޑު ބާރުވެ ކުރުގެޅިފައި ހުރުމުގެ ސަބަބުން ލޭ ދައުރުވުމަށް ހުރަސްއެޅެއެވެ. މީގެ ސަބަބުން ލޭނާރުތައް ގޮށްޖެހުމުގެ ފުރުސަތު އޮވެއެވެ. މިފަދަ އަލާމާތްތައް ފެންނަ ފަރާތްތަކުން ސްނީކަރސް ބޭނުންކުރުމަކީ ސިއްހީ ގޮތުން އެންމެ ރަނގަޅު ގޮތެވެ.
- ފައިގެ އޮނިގަނޑަށް އަންނަ ބަދަލުތައް
- މަސްތަކާއި ޓެންޑަންތަކާއި ލިގަމެންޓްތައް ބެލެންސް ނުވުމުގެ ސަބަބުން ހެމަރޓޯ އުފެދި، ފައިގެ ޑިފޯމިޓީއަކަށް މަގުފަހިވެއެވެ. ބޫޓުގެ ކުރިމަތީ ބައިގައި ފައި ފިއްތިފައި ހުރުމުގެ ސަބަބުން ފައިގެ އިނގިލިތަކުގެ ގުދުރަތީ ސިފަ ގެއްލިގެންދެއެވެ. މީގެ ސަބަބުން ދުވަހުން ދުވަހަށް ކުރަންޖެހޭ އާންމު ހަރަކާތްތަކަށް ވެސް ހުރަސްއެޅިދާނެއެވެ.

ހައިހީލްސް، ދިގު މުއްދަތަކަށް ބޭނުންކުރުމުން ސިއްހީ ގޮތުން ގިނަގުނަ ގެއްލުންތަކެއް ލިބޭ/ފޮޓޯ:އައިޑިއަލްސް
ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް: ހައިހީލްސް ބޭނުންކުރާނަމަ، އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ:
- ދޭތެރެ ދޭތެރެއިން ފައިގައި މަސާޖު ކުރުން
- ހައިހީލްސްއަށް އެރުމުގެ ކުރިންނާއި ފަހުން ސްޓްރެޗިންގ ހެދުން
މިގޮތަށް ސްޓްރެޗިންގ އެކްސަސައިޒް ކުރުން:
- ބޯ ފިލާފޮއްޗެއް ނޫނީ ބޯމިނުގައި އެއްއިންޗި ވަރު ހުރި ތުނި ފިލާކޮޅެއް ބިމުގައި ބާއްވައި
- ފިޔަވަޅުގެ ދަށްފުށުގައި ބޮޑުވާއިނގިއްޔާ ޖެހިގެން އުސްކޮށް ހުންނަތަން، (ފައިގެ ބޯލް) ފިލާކޮޅުގެ ނޫނީ ފޮތުގެ މަތީގައި ޖައްސައި، އަނެއްކޮޅުން ފުންނާބު ބިމުގައިޖައްސާށެވެ.
- 30 ސިކުންތަށް މިގޮތަށް ހުންނާށެވެ. ދެން ހަށިގަނޑު ރިލެކްސް ކޮށްލާށެވެ، ދޭއް ނުވަތަ ތިން ހަތަރު ފަހަރު މި އެކްސަސައިޒް ތަކުރާރުކުރުން
ހައިހީލްސްގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބަލާއިރު، ސްނީކަރސް ފަދަ ތުނި ބޫޓު ނޫނީ ތިރި ފައިވާން ބޭނުންކުރުމަކީ ހަށިގަނޑުގެ ސިއްހަތަށް މާ ރައްކާތެރި ގޮތެކެވެ. ކޮންމެހެން ހައިހީލްސް ބޭނުންކުރަން ޖެހޭ ހާލަތްތަކުގައި، މަތީގައި ބަޔާންކޮށްފައިވާ ރައްކާތެރި ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.

