ރޭ ދަންވަރު މާލެއަށް ބޯކޮށް ވެހުނު ވާރެއާ ގުޅިގެން ފެންބޮޑުވެ، 13،882 ޓަނުގެ ފެން ހިންދައިފިކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހެނދުނު ހާމަކޮށްފިއެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކުރިއަށްދަނީ މާލޭގެ އަށް ސަރަހައްދެއްގައި 23 ޕަންޕު ބަހައްޓައިގެންނެވެ.
މިއަހަރުގެ ފުރަތަމަ ހަފްތާގައި މާލެއަށް ވެހުނު ބޯ ވާރޭއާ ގުޅިގެން ވަރަށް ގިނަ ގެތަކަށް ގެއްލުންވެފައިވާކަން ފާހަގަކުރެވެއެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރި ގޮތުގައި، މި މަހުގެ ތިންވަނަ ދުވަހުގެ 00:00 އިން ހަތަރުވަނަ ދުވަހުގެ 00:00 އަށް މާލެއަށް 161.9 މިލިމީޓަރުގެ ވާރޭވެހުނެވެ. މިއީ 24 ގަޑިއިރު ތެރޭގައި މާލެއަށް މިހާ ބޯކޮށް ވާރޭވެހުމުގެ އައު ރެކޯޑެކެވެ.
އިތުރު ރެކޯޑެއްގެ ގޮތުގައި، މި މަހުގެ ތިންވަނަ ދުވަހުގެ 15:00 އިން 18:00 އާ ހަމައަށް ތިން ގަޑިއިރު ތެރޭގައި މާލެއަށް 109.8 މިލިމީޓަރުގެ ވާރޭވެހުނެވެ.
އެންޑީއެމްއޭ އިން އިތުރަށް ހާމަކުރި ގޮތުގައި، މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީތެރިކަމަށް އެދި 740 އަށްވުރެ ގިނަ ތަނަކުން ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރޭގައި ގޭގެއާއި އެކިއެކި ވިޔަފާރިތަކާއި ސްކޫލްތަކާއި ގުދަންތައް ހިމެނެއެވެ. އަދި ފެންބޮޑުވުމާ ގުޅިގެން ހިފައިގެންގުޅޭ ތަކެއްޗާއި އިމާރާތްތަކަށް އެކަށީގެންވާ ވަރުގެ ގެއްލުން ލިބިގެން ޑެމޭޖް އެސެސްމަންޓް ހަދަންޖެހޭ 145 ގޭބީސީއެއް ފާހަގަކުރެވިފައިވާކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭވެހުމުގެ ފުރުސަތު އޮތްކަމަށް މޫސުމާބެހޭ އިދާރާއިން އަންގައި، ރައްޔިތުންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

