ހުޅުމާލެ ފޭސް 2ގައި ހުންނަ ދެ ޓްރާންސްފޯމަރަށް ގެއްލުން ދީފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ މަރުވުންފަދަ ނުރައްކާތައް ކުރިމަތިވެދާނެ ކަމެއްކަމަށެވެ.
ފަހުމީ ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހައި ވޯލްޓޭޖް (އެޗްވީ) ގެ ދެ ޓްރާންސްފޯމަރަށް ގެއްލުން ދިނުމުގެ ސަބަބުން ކަރަންޓު ކެނޑިގެން ގޮސްފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ ވަށައިގެން ފާރު ރާނައި ޑަބަލް ލޮކްކޮށްފައި ހުންނަ ތަނަށް ވަދެ، ތަޅުތަކަށް ގެއްލުން ދިނުމަށްފަހުގައެވެ.
ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ، އެޗްވީގެ ސްވިޗުތައް ނިއްވާލާފައި ހުރި ގޮތުން، މި ޢަމަލު ހިންގާފައިވަނީ ޓްރާންސްފޯމަރު ސިސްޓަމްތަކާއި އޭގެ އޮޕަރޭޝަންގެ ޓެކްނިކަލް މަޢުލޫމާތު އެނގޭ ބައެއްކަން އެނގޭ ކަމަށެވެ. އަދި މިފަދަ ނުރައްކާތެރި އިންފްރާސްޓްރަކްޗަރތަކަށް ގެއްލުން ދިނުމަކީ އެކަން ކުރާ މީހާ ކަރަންޓުގައި ޖެހި، ސީރިއަސް އަނިޔާވުމާއި އަދި މަރުވުން ފަދަ ނުރައްކާތައް ކުރިމަތިވެދާނެ ކަމެއްކަމަށަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ މިހާރު ދަނީ ތަޙްޤީޤު ކުރެވެމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ކުރިމަތިނުވާނެ ފަދަ ގޮތަކަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ފަހުމީ ވިދާޅުވެފައިވެއެވެ.

