މިފަހަރު ރޯދައަށް ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޫކުރަން ނިންމާފައިވާ ކަމަށް މިފްކޯ އިން ބުނެފިއެވެ. މިއީ ރައީސް ޑރ.މުޢިއްޒު މިދިޔަ ނޮވެމްބަރ މަހު ވެވަޑައިގެންނެވި ވަޢުދުފުޅެއްގެ ތެރެއިން ސަރުކާރުން ދޭ އިނާޔަތެކެވެ.
އާންމުކޮށް އުފައްދާ މަސްދަޅުގެ އަދަދަށްވުރެ އިތުރަށް ލައްކައެއްހާ މަސްދަޅު މި ފަހަރުގެ ރޯދަމަހާ ދިމާކޮށް އުފައްދަން ޖެހޭ ކަމަށާއި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށް މިފްކޯ އިން ހާމަކޮށްފައިވެއެވެ.
ސަރުކާރަށް އެއް އަހަރުވުން ފާހަގަކުރުމަށް މިދިޔަ އަހަރު ނޮވެމްބަރ މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހަށް ކާޑުގެ ބާވަތްތަކުގެ ބަދަލުގައި ގޭބިސީތަކަށް ދޫކުރާނީ މަސްދަޅު ކޭސް ކަމަށެވެ.
މިފްކޯ އިން ބުނީ، އަންނަ މަހުގެ ތެރޭގައި އެ ޕްރޮޑަކްޝަން ނިމި، ގޭބީސީތަކަށް މަސް ކޭސްތައް ދޫކުރާނެ ކަމަށެވެ. މަސްދަޅު ކޭސްތައް ދޫކުރާނެ ގޮތްތައް މިހާރު ރާވަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބާޒާރުގައި މިވަގުތު އެންމެ އާދައިގެ ތެޔޮ މަސްދަޅު ކޭހެއް ލިބެން ހުރީ 560ރ. އަށެވެ. އެއީ މަސްދަޅެއް 16ރ. އަށެވެ. އެހެންވެ، މާކެޓް ރޭޓަށް ބަލައިގެން 82،000 ގޭބީސީއަށް މަސްދަޅު ކޭސް ދޫކުރާ ނަމަ ގާތްގަނޑަކަށް 46 މިލިއަން ރުފިޔާ އެކަމަށް ހަރަދުވާނެއެވެ.
މިފްކޯއިން ބުނީ، އެ ޕްރޮޑަކްޝަނަކީ އެސްޓީއޯއާ ގުޅިގެން މިފްކޯއިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

