އަބޫ ދާބީން އައި ދިވެއްސެއްގެ އަތުން 109 ގުރާމުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. އެތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 109 ގުރާމް ހުރިއިރު، އެތަކެތީގެ މަގުމަތީ އަގަކީ 109,000.00 (އެއްލައްކަ ނުވަހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ ވައިގެ މަގުން އަބޫ ދާބީން ރާއްޖެ ދަތުރުކުރި އުމުރުން 39 އަަހަރުގެ ދިވެއްސެއްގެ ލަގެޖުންނެވެ.
މިތަކެތި އަތުލައިގަނެފައިވަނީ 2025 ޖަނަވަރީ 09 ވަނަ ދުވަހު، އަބޫދާބީ އިން ރާއްޖެ އައި ދިވެހި ފަސިންޖަރެއް ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، ކަސްޓަމްސްއިން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
އެ ފަސިންޖަރުގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

