ދަތުރުފަތުރުގެ ޚިދުމަތަށް އައު ބަދަލުތަކެއް ގެނެސްދޭނެ އަވަސް ރައިޑްގެ އައު އެޕްލިކޭޝަން “އަވަސް އެޕް” އިއްޔެ ރޭ ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
މި އެޕް އިފްތިތާހްކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވުނު މި ރަސްމިއްޔާތު އޮތީ އިއްޔެ ހަވީރުން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށެވެ. މި ހަފްލާގައި ކުޑަކުދިންނަށް ޚާއްޞަ ހަރަކާތްތަކާއި، ކުޅިވަރު ހަރަކާތްތަކާއެކު އަދި ބައިވެރިންނަށް ހަވީރު ސައިވެސް ދިނެވެ.
އަވަސް އެންޓަޕްރައިސްގެ ފަރާތުން ބުނީ، މި އައު އެޕާއެކު ރައްޔިތުންނަށް މިހާރަށްވުރެ ރައްކާތެރި އަދި ފަސޭހަ ޚިދުމަތެއް ދެވޭނެ ކަމަށެވެ. އަދި މި އެޕް މެދުވެރިކޮށް ގިނަ އޮންލައިން ޚިދުމަތްތަކެއް ލިބޭނެ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
އަވަސް ރައިޑަކީ 2019 ވަނަ އަހަރު މާލެ ސިޓީގައި ފެށުނު ޚިދުމަތެއް ނަމަވެސް، މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ޚިދުމަތް ދެމުން ގެންދެއެވެ. އަވަސް އެންޓަޕްރައިސްއިން ހާމަކުރި ގޮތުގައި މިހާރު އަވަސް އެޕްގައި 3،000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ،
މިރަސްމިއްޔާތުގައިވަނީ އަވަސް އެޕް ފޯނަށް ޑައުންލޯޑްކޮށްގެން ގުރުއަތުން ހޮވުނު ފަރާތަށްވަނީ ޕީއެސް 5އެއް ހަދިޔާކޮށްފައެވެ.
އަވަސް ރައިޑަކީ ދިވެހި ޒުވާން ޓީމަކުން ހިންގާ، ރާއްޖޭގައި އެންމެ ފުޅާކޮށް ޓެކްސީގެ ޚިދުމަތް ދޭ އެއް އެޕްލިކޭޝަނެވެ. މިހާރުވެސް ގިނަ އަދަދެއްގެ މީހުން މި އެޕްލިކޭޝަން ބޭނުންކުރަމުން ގެންދެއެވެ.

