ޑިމޮކްރެޓިކް ޕާޓީ (ޑިމޮކްރެޓްސް) ގެ ބައެއް އިސް ބޭފުޅުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އަލުން ގުޅިވަޑައިގެންފިއެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައިވަނީ ކުރީގެ އެސްޓީއޯގެ އެމްޑީ އަދި ޑިމޮކްރެޓްސްގެ ރަނިންމޭޓް ހުސެއިން އަމްރު، ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް، އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްއެވެ.
އަމްރު އަލުން އެމްޑީޕީއަށް ގުޅިވަޑައިގެންފައިވާކަން އެޕާޓީން ވަނީ ރަސްމީކޮށް އިއުލާނު ކޮށްފައެވެ. އަދި ދެންތިބި ތިން މެންބަރުން ވެސް އިއްޔެ އެ ޕާޓީއަށް ސޮއި ކުރައްވާފައިވާކަން އެކި މަސްދަރުތަކުން ވަނީ ޔަގީންވެފައިވާއިރު ވަރަށް އަވަހަސް މި ތިން ބޭފުޅުން ޑިމޮކްރެޓްސްއިން ވަކިވެ އެމްޑީޕީއާ ގުޅިވަޑައިގެންނެވި ވާހަކަ ރަސްމީކޮށް އިއުލާނު ކުރައްވާނެ ކަމަށް އިތުބާރު ހިފޭ މަސްދަރަކުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މި ތިން ބޭފުޅުންނަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން އުފެދުނު ދެ ފެކްޝަންގެ ތެރެއިން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް، އެ ޕާޓީން ވަކިވެ، ކުރީގެ ރައީސް ނަޝީދާއެކު އާ ޕާޓީއެއްގެ ގޮތުގައި ޑިމޮކްރެޓްސް އުފެއްދެވި މި ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން، އެމްޑީޕީގެ ތެރޭގައި އުފެދުނު ބައިބައިވުން ކުޑަވެގެންދާނެ ކަމަށް ސިޔާސީ ދާއިރާގެ ބައެއް ފަރާތްތަކުން ލަފާކުރެއެވެ..

