ލޮސް އެންޖެލެސްގެ ޕެސިފިކް ޕެލިސޭޑްސްގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި އަލިފާން ނުނިވިގެން އުޅެނިކޮށް ކުއްލި ސިހުމާއިއެކު އަލިފާނުގެ ނަގޫ ރޯޅިތަކެއް އައި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސްކައި ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަން ފަރނާންޑޯ ވެލީގެ މަތިން ދުއްވަމުންދިޔަ ހެލިކޮޕްޓަރަކަށް މި މަންޒަރު ފެނި ރެކޯޑް ކޮށްފައިވެއެވެ. އަދި މިއާއިއެކު އެމެރިކާގައި އިތުރު ބިރުވެރިކަން ވަނީ އުފެދިފައެވެ.
ލޮސް އެންޖެލީސްގެ ޖަންގަލިތަކުގައި ރޯވެ އަނދަން ފަށާފައި ވަނީ، ވާރޭނުވެހި ގިނަ ދުވަސްވުމާ ގުޅިގެން އާދަޔާ ޚިލާފަށް ހޫނުގަދަވެ، ޖަންގަލިތަކުން ފެން ހިނދި، ހަނަފަސްވެފައިވާ ދަނޑިވަޅެއްގައެވެ. އެ ރަށުގެ ފަސް ސަރަޙައްދެއްގައި ރޯވި އަލިފާންގަނޑުތަކާ އެކު، 13,760 ހެކްޓަރުގެ ބިމާއި، 10,000އަށްވުރެ ގިނަ ގެދޮރާއި އިމާރާތް ވަނީ އަނދައި އަޅިއަށްވެފައެވެ. ބައެއް އަވަށްތައް ވަނީ މުޅިން ސުންނާފަތިވެފައެވެ.
ކަމާ ގުޅޭ މާހިރުން ބުނީ، އަލިފާނުގެ ސަބަބުން ވައި ތަޣައްޔަރުވެފައިވާއިރު، އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ވަނީ އިމާރާތްތަކާއި، އެއްގަމު އުޅަނދުފަހަރާއި، ހިފާ ގެންގުޅޭ ސާމާނުގައި ރޯވެ، އެނދުމުން ކަމުގައެވެ. އަދި، ޕްލާސްޓިކާއި އެ ނޫން ވެސް ތަކެތީގެ ރޯވެ، އެނދުމާ ގުޅިގެން އިންސާނުންގެ ޞިއްޙަތަށް ނުރައްކާތެރި ކެމިކަލްތައް ވައިގެ ތެރެއަށް ފެތުރެމުންދާ ކަމުގައެވެ.
މި ކަމާ ގުޅޭ ދިރާސާތަކުން ފެންނަ ގޮތުގައި، އެ ފަދަ ކެމިކަލްތައް އެކުލެވޭ ވައި، އިންސާނުންގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވާސިލުވުމަކީ ހާޓް އެޓޭކް، ސްޓްރޯކް އަދި ކާޑިއެކް އެރެސްޓް ފަދަ ނުރައްކާތެރި ޞިއްޙީ މައްސަލަތަކަށް ހުށަހެޅޭ ސަބަބެކެވެ. ތިމާވެށީގެ ޞިއްޙަތާ ބެހޭ ސައިންސްވެރިން ބުނީ، ފުއްޕާމޭ އަދި ހިތުގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް އޮތް ނުރައްކާ އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައެވެ. އަދި، ކުޑަކުދިންނާއި އުމޫރުންނަށް ވެސް ނުރައްކާތެރިކަން ބޮޑު ކަމުގައެވެ.

