ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އަމީނީމަގު މާފަންނު ސްޓޭޑިއަމް ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފެށުނީ އެ ސަރަހައްދުގައި ތާރު އަޅާފައިވާ ހިސާބަށް ގެއްލުންވެފައިވާތީ އެތަން އަވަހަށް މަރާމާތު ކުރުމުގެ ބޭނުމުގައެވެ.
އާރްޑީސީ އިން ބުނީ އަމީނީމަގުގެ މާފަންނު ސްޓޭޑިއަމް ކައިރި ސަރަހައްދުގެ ތާރުގަނޑަށް ގެއްލުން ލިބިފައިވާތީ، އެ ސަރަހައްދު މަރާމާތުކޮށް ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަވާލުކުރި އިރު، މެއިންޓަނަންސްގެ މަސައްކަތް ވެސް ވަނީ އާރްޑީސީއާ ހަވާލުކޮށްފައެވެ. އެހެންކަމުން ތާރުގަނޑުގެ އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ އާރްޑީސީއިން އެކަމެއް ހައްލުކޮށް އެތަނެއް މަރާމާތު ކުރާނެއެވެ.

އަމީނީމަގު މާފަންނު ސްޓޭޑިއަމް ސަރަހައްދު މަރާމާތު ކުރަނީ/ފޮޓޯ: އާރްޑީސީ
އަމީނީމަގުގައި ތާރު އެޅުމަކީ މާލޭގެ ރައްޔިތުންގެ ބޮޑު ހުވަފެނެއް ހަގީގަތަކަށްވެގެން ދިޔަ ކަމެކެވެ. 2023 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން 80 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން މި މަގު ހެދި ނަމަވެސް، ސްޓޭޑިއަމާ ހަމައިން މަގުގެ ތާރުގަނޑު ހަލާކުވެ، އެ މަގުން ދުއްވާ އުޅަނދުފަހަރަށް ދަތިތަކާ ކުރިމަތިވެ ރައްޔިތުންގެ ޝަކުވާ އޮތީ ވަރަށް ބޮޑުވެފައެވެ. އެހެންނަމަވެސް އާރްޑީސީގެ މިންނަތުން މިކަން ހައްލުވެ ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެކަން ޔަގީނެވެ.

އަމީނީމަގު މާފަންނު ސްޓޭޑިއަމް ސަރަހައްދު މަރާމާތު ކުރަނީ/ފޮޓޯ: އާރްޑީސީ
މަރާމާތުގެ މަސައްކަތާ ގުޅިގެން، މިއަދުން ފެށިގެން މަސައްކަތް ނިމެންދެން މި ސަރަހައްދު ދުއްވާ އުޅަނދުފަހަރަށް ބަންދުކުރެވޭނެ ކަމަށް އާރްޑީސީން މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް، މަސައްކަތް ނިންމާލެވޭނެ ވަކި ތާރީޚަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

