މޯލްޑިވްސް ޓްރެވަލް ކޮންފަރެންސްގެ ވިމެންސް އެޑިޝަން އައްޑޫ ސިޓީގައި ބާއްވަން ހަމަޖެހިއްޖެއެވެ. މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 25 ވަނަ ދުވަހުގައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން ބާއްވާ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2025ގެ ވިމެންސް އެޑިޝަން މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖުގައެވެ.
މިކޮންފަރެންސް ބާއްވަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އެމްއެމްޕީއާރްސީ، ވިޒިޓް މޯލްޑިވްސް، އައްޑޫ ސިޓީ ކައުންސިލް، ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އެކި ޖަމްޢިއްޔާތަކާއި ގުޅިގެންނެވެ.
އެގޮތުން ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް، ވިމެން އޮން ބޯޑްސް، ވިމެން އޮންޓްރަޕްރަނާސް އެސޯސިއޭޝަން އޮފ މޯލްޑިވްސް އަދި އެސޯސިއޭޝަން އޮފް ލޭޑީ އޮންޓްރަޕްރަނާސް ފަދަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އެކި ޖަމްޢިއްޔާތަކުން މިކޮންފަރެންސްގައި ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. މިކޮންފަރެންސްގައި ކީނޯޓް ސްޕީކަރުންގެ ގޮތުގައިވެސް އަދި ޕެނަލް ޑިސްކަޝަންތަކުގައިވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ އަންހެނުންކަމަށް މަޓާޓޯއިން ވިދާޅުވެއެވެ.
މިކޮންފަރެންސްގައި 2 މަޢުޟޫއަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އައްޑޫގައި އަންހެނުންނަށް ހުރި ފުރުސަތުތަކާއި އާމްދަނީ ހޯދުމަށް މަސައްކަތްކުރާ އަންހެނުންނާ މެދު މުޖުތަމަޢުގައި އޮންނަ ނޭދެވޭ ނަޒަރު ބަދަލުކުރުމުގެ މައްޗަށް ވާހަކަދެއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތައް ހަމައެކަނި ރިސޯޓުތަކާ ހިސާބަށް ހަނިވެފައި އޮންނަ ކަމަށް ޤަބޫލުކުރެވިފައި އޮންނަ އޮތުމާއި ދެކޮޅަށްވެސް މިކޮންފަރެންސްގެ ތެރެއިން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް މަޓާޓޯއިން ވިދާޅުވެއެވެ.
ހިލޭކުރިއަށްގެންދާ މިސެޝަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރެވޭނީ މަޓާޓޯގެ ވެބްސައިޓު މެދުވެރިކޮށެވެ.

