ކިތަންމެ ތަހުޒީބު ޒަމާނެއް އައިކަމުގައި ވިޔަސް، ސްކޫލް ކުދިންގެ ބޮލުގައި އުކުނު އެޅުމުގެ މައްސަލައަކީ އަދިވެސް ގިނަ ބެލެނިވެރިން ކުރިމަތިލާންޖެހޭ ގޮންޖެހުމެކެވެ. މިއީ ޚާއްޞަކޮށް ސްކޫލްތަކާއި ޓިއުޝަން ކްލާސްތަކުން ގެއަށް އަންނަ ކުދިންގެ މެދުގައި އާންމުކޮށް ފެންނަ މައްސަލައެކެވެ.
އުކުނަކީ ކިހިނެއްވާ ކޮން އެއްޗެއް؟
އުކުނަކީ ވީފުކު ސައިޒުގެ ކުދިކުދި ސޫފިތަކެކެވެ. މި ސޫފިތައް ދިރިއުޅެނީ އިންސާނުންގެ ބޮލުގެ އިސްތަށީގައި ހިފެހެއްޓިގެންނެވެ. އުކުނުގެ އުމުރަކީ 3 އާއި 4 ހަފްތާއެވެ. މި ސޫފިތައް ކާނާގެ ގޮތުގައި ބޭނުންކުރަނީ ބޮލުގެ ތަލައިން ލިބޭ ކުޑަ މިންވަރެއްގެ ލޭއެވެ.
އުކުނު އެޅުމުގެ ސަބަބުތައް
އުކުނު އެޅުމަކީ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ދިމާވާ ކަމެއް ނޫނެވެ. ނަމަވެސް މިއީ ގައިންގަޔަށް ފަސޭހައިން އަރާ އެއްޗެކެވެ. ސްކޫލްތަކާއި ޓިއުޝަން ކްލާސްތަކުގައި ގިނަ ކުދިން އެއްތަނެއްގައި އުޅޭއިރު، އެއް ކުއްޖެއްގެ ކިބައިން އަނެއް ކުއްޖަކަށް ފަސޭހައިން އުކުނު އެރުމުގެ ފުރުޞަތު އޮވެއެވެ.
އުކުނު ފިލުވުމަށް ކުުރެވިދާނެ ކަންތައްތައް
އުކުނު ނައްތާލުމަށް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ޚާއްޞަ އުކުނު ޝެމްޕޫއަކުން ބޯ ދޮވުމެވެ. މީގެ އިތުރުން:
- އުކުނު ސްޕްރޭ ބޭނުންކުރުން
- ދަތްކުދި ފުނާއަކުން ބޮލު ސާފުކުރުން
- ސްޕްރޭ ޖެހުމަށްފަހު ފޮތިގަނޑެއް އޮޅައި، އޭގެ މަތިން އަލުން ސްޕްރޭ ކުރުން
- ބޭނުންކުރާ ތުވާލިތަކާއި، ބާލީސް އުރަތައް ގަވާއިދުން ދޮވުން
ރައްކާތެރިވުމުގެ ފިޔަވަޅުތައް
އުކުނު އެޅުމުން ސަލާމަތްވުމަށް އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ކުދިންނަށް އެހެން ކުދިންގެ ބޯ ފުނާ ބޭނުން ނުކުރުމަށް އިރުޝާދު ދިނުމާއި، ބޮލުގައި ޖެހޭ ތަކެތި އެހެން ކުދިންނާ ހިއްސާ ނުކުރުމަށް ނަސޭހަތްތެރިވުން ހިމެނެއެވެ. އަދި ސްކޫލްތަކުން ވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.
އުކުނު އެޅުމަކީ ނުރައްކާތެރި ބައްޔެއް ނޫނެވެ. ނަމަވެސް އެކަށީގެންވާ ފަރުވާއެއް ނުދީފިނަމަ، މިއީ ވަރަށް އުނދަގޫ އަދި ފެތުރޭ މައްސަލައަކަށް ވެދާނެއެވެ. އެހެންކަމުން، ބެލެނިވެރިންނާއި ސްކޫލްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.

