ޒުވާން އުމުރުގައި ބޮޑު ބައްޔެއް ނުވަތަ މުސީބާތެއް ކުރިމަތިވުމުން މާޔޫސްވެ ހިތްވަރު ދެރަވެ، ގޮތްހުސްވުމަކީ އިންސާނީ ތަބީޢަތެވެ. މިކަމުގެ ސަބަބުން ބަލި އިތުރަށް ބޮޑުވެ، ނަފްސާނީ މައްސަލަތަކާ ކުރިމަތިލާންޖެހޭ ފަހަރުވެސް އާދެއެވެ.
ށ. ފޭދޫ ނާރެސް، އަޙްމަދު ސާމީއަކީ ހިތްވަރުގަދަކަމުގެ މިސާލެކެވެ. ދެ ކިޑްނީ ފެއިލްވެ އެކަމުގެ ވޭން ތަހައްމަލު ކުރުމަށްފަހު އެތަކެއް ފޮނި އުންމީދުތަކަކާއި އެކު ލެއްވި ކިޑްނީ ފެއިލްވެ، ދެވަނަ ފަހަރަށް ކިޑްނީ ބަލީގެ ވޭނުގައި އުޅެން ޖެހުމަކީ އެފަދަ ކަމެއް ތަޙައްމަލް ކުރަން ޖެހުނު ފަރާތަކަށް މެނުވީ އިޙްސާސްވެސް ކޮށް ނުލެވޭނެފަދަ ވޭނެކެވެ.
އުމުރުން ތިރީހަކަށް އަހަރުގެ ސާމީއަކީ މަންމައަކާއި ބައްޕައެއްގެ ހަޔާތައް އަލިކަމަކަށްވި ދެދަރިންގެ ތެރެއިން އަންހެންދަރިފުޅު ޅައުމުރުގައި މިދުނިޔެއާ ވަކިވެގެން ދިއުމަށްފަހު އެދެމީހުންގެ ހަޔާތުގައި ދިރިހުރި ހަމައެކަނި އުއްމީދެވެ. މެދުފަންތީގެ މި އާއިލާގައި މިވަގުތު ވަޒީފާ އަދާކުރާ ހަމައެކަނި މީހަކީވެސް ސާމީއެވެ. ސާމީގެ މައިންބަފައިން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން ގެންދަނީ ރަށުތެރޭގެ އެކިއެކި މަސައްކަތްކޮށްގެންނެވެ. މި ކުޑަކުޑަ ޢާއިލާއަށް ލިބޭ ޢާމްދަނީއަކީ މިފަދަ ބޮޑު ފަރުވާއަކަށް ރާއްޖޭންބޭރަށް ގޮސް ތިބެން ޖެހޭ އަށްމަސްދުވަހުގެ ޚަރަދު ބެލެހެއްޓޭވަރުގެ ޢާމްދަނީއެއްނޫނެވެ. އެހެންކަމުން ދިމާވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި އެހީއަށް އެދި އަތްދިއްކޮށްލަން މިއާއިލާއަށް މިއަދު މިވަނީ މަޖުބޫރުވެފައެވެ.
ސާމީއަކީ 2018 ވަނަ އަހަރުން ފެށިގެން ކިޑްނީ ބަލީގެ ވޭން ތަޙައްމަލު ކުރަމުން ، ބައްޔަށް ފަރުވާ ކުރަމުން އައިސް 2021 ވަނަ އަހަރު ކިޑްނީ ޓްރާންސްޕުލާންޓް ހަދާފައިވާ ފަރާތެކެވެ. މާތް ﷲ ގެ ތަނަވަސް ރަޙްމަތުން ކިޑްނީ ޓްރާންސްޕްލާންޓް ކާމިޔާބުވެ މި ވޭތުވެދިޔަ 3 އަހަރު ސާމީގެ ސިއްޙީ ހާލަތު ރަނގަޅެވެ. އެހެން ނަމަވެސް، ވޭތުވެދިޔަ އަހަރުގެ ޖުލައި މަހު މާގިނައިން ހޮޑުލެވި، ސިއްޙީ ހާލަތު ދަށްވެ އެމަޖެންސީ ވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ޓެސްޓްތައް ހެދުމުން އެނގުނީ ޓްރާންސްޕްލާންޓް ކުރި ކިޑްނީގެ މަސައްކަތް ދައްވެފައިވާކަމެވެ.

އެމަޖެންސީކޮށް ޑަޔަލިސިސްހަދައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންގޮސް، އައިޖީއެމް އެޗްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އިންޑިޔާގެ ބެންގަލޫރަށް ގެންދެވުނެވެ. އެން-ޔޫ ހޮސްޕިޓަލްގައި "އެކިޔުޓް ރިޖެކްޝަން" އަށް ޑައިގްނޯސް ކުރެވި އެކި ފަރުވާތައް ދީފައިވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެކި ފަހަރު މަތިން ޑަޔަލިސިސް ވެސް ހަދާފައިވެއެވެ. އެ ފަރުވާތަކަށްފަހު ސާމީގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅު ވި ނަމަވެސް ކިޑްނީގެ ފަންކްޝަން ރަނގަޅު ނުވާތީ ޑޮކްޓަރުން އިރުޝާދު ދެއްވީ ކޮންމެ ވަގުތަކުވެސް ޑަޔަލިސިސް ހަދަން ޖެހިދާނެ ކަމަށް ތައްޔާރަށް ހުރުމަށެވެ. މީގެ އިތުރުން، ވީ އެންމެ އަވަހަކަށް ދެވަނަ ކިޑްނީ ޓްރާންސްޕްލާންޓެއް ހެދުމަށެވެ.



ކިޑްނީ ބަލީގެ ވޭން ތަޙައްމަލް ކުރަމުންދާއިރުވެސް، ސާމީ ފާހަގަކުރެވިފައިވަނީ ހިތްވަރުގަދަ މީހެއްގެ ގޮތުގައެވެ. އޭނާއަކީ އެހެން މީހުނާ ގުޅޭ، ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. އެހާ ޅައުމުރުގައި ދެކިޑްނީ ފެއިލްވެފައިވާކަން އެންމެ ފުރަތަމަ އެނގުނުދުވަހު އެ ލިބުނު ސިހުމާއެކުވެސް، އެހަގީގަތާ ކުރިމަތިލީ ނުހަނު ކެތްތެރިކަމާއެކުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ބުރައެއް ނުވަތަ ތަކުލީފެއް ނުޖައްސަވާނެކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމާއި އޮންނަ ޔަޤީންކަމަކީ ސާމީގެ ކެތްތެރިކަމުގެ ސިއްރެވެ.
ކިޑްނީ ފެއިލްވުމުގެ ސަބަބުން އެކަމަށް އޮންނަ ވަގުތީ ފަރުވާގެ ގޮތުން ހަފްތާއަކު ތިން ދުވަހު ޑަޔަލިސިސް ހަދަން ޖެހެއެވެ. މިކަމަށްޓަކައި ސާމީ މިހާރު ދިރިއުޅެމުންދަނީ އާއިލާއާއި ދުރުގައި ކުޅުދުއްފުށީގައެވެ. ބައެއް ބައެއްފަހަރު ޑަޔަލިސިސް ހަދަން ނުޖެހޭ ދުވަސްދުވަހު އާއިލާއާއިއެކު ވަގުތު ހޭދަކުރުމަށްޓަކައި ސާމީގެ އުފަންރަށަށް ދިޔަ ނަމަވެސް އެ ނޫން ދުވަސްދުވަހު ސާމީގެ ހުރިހާވަގުތެއް ހޭދަކުރަނީ އެކަނިމާއެކަންޏެވެ.
"ބައެއް ދުވަސްދުވަހު ޑަޔަލިސިސް ނިންމާފަ އަތުގެ ފޮޓޯ ފޮނުވާނެ. ބައެއްފަހަރު ވަރަށްބޮޑަށް ނޫފައިގެންފަ ދުޅަވެފަ ހުންނާނީ. އެއަތަށް ވެފަ ހުންނަގޮތް ފެނުމުން އެކަނިވެސް އަޅުގަނޑުމެން ހިތްފަޅައިގެންދާހައިވޭ. އަސްލު ހާދަ ވޭނެއް އަޅާނެއޭ ހިތައްއަރަނީ. މި ފަހުން، ޑަޔަލިސިސް ސެޝަން ނިންމާފަ ބޮލުގަ ރިއްސާފަ ހޮޑުލެވޭތީ އުޅޭ. ބައެއް ދުވަސްދުވަހު ހޮސްޕިޓަލްގަ އެޑްމިޓްކުރަންވެސްޖެހޭ. ލޭގެ ޕްރެޝަރ ވެސް މަތިވެފަ ހުންނަނީ. އެއީ ހަމަ ހިތްވަރުގަދަކަމުގެ ނަމޫނާއެއް. ދެވަނަ ފަހަރަށް އެފަދަ ހާލަތެއް ކުރިމަތިވީމަވެސް އެހާ ކެތްތެރިވެވޭނީ ވަރަށް ހިތްވަރުގަދަވީމައޭ ބުނެވޭނީ. ކިތަންމެ ބަލިވެ އުޅުނަސް ދިރިއުޅުންމަތިން ފޫހިވެ، ޝަކުވާކޮށް މާޔޫސްކަން ދައްކައި ހިތްވަރު އެލުވާލައިގެން ނޫޅޭ. އަބަދުވެސް ހިނިތުންވެފަ ހުއްޓަ ފެންނާނީ. އާއިލާ އެންމެންނާވެސް ވަރަށް ގުޅިގެން އުޅޭ ކުއްޖެއް ސާމީއަކީ. ވަރަށްދެރަވޭ. ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ސާމީއަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން". ސާމީގެ ޢާއިލާ މެމްބަރަކު ކިޔައިދިނެވެ.
ދިރިއުޅުމުގައި މާޔޫސްކަން ނުދައްކާ، ކެތްތެރިކަމާއެކު މި ނޫން ދުވަހެއް ފެނޭތޯ އޭނާ ކުރަމުން އަންނަ އުންމީދު ދޫކޮށެއް ނުލައެވެ. ކަރުއެލުވާ ނުލައި ކުރިޔަށް ދާން އޮތް މަގު އަމާންވޭތޯ އޭނާ އަންނަނީ ގަދަ ހިތްވަރާއިއެކު މަސައްކަތް ކުރަމުންނެވެ. ދެވަނަ ފަހަރަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި އިންޑިޔާއަށް ދިއުމަށް ސާމީއާއި ޢާއިލާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. 8 މަހެއްހައި ދުވަސް ހޭދަވާނޭ މި ދިގު ދަތުރުގައި އެތައް ބައިވަރު ޚަރަދުތަކެއް ހިނގާނެއެވެ. އާސަންދަ، އެންސްޕާގެ އެހީ ލިބޭނީ ހަމައެކަނި ފްލައިޓް ޓިކެޓަށާއި ފަރުވާ ކަމަށްވާތީ، 8 މަސްދުވަސް ހޭދަވާނޭކަމަށް ލަފާކުރެވޭ ފަރުވާގެ މި މުއްދަތުގައި ރާއްޖޭންބޭރުގައި ތިބޭނެ ތަނަކާއި ދަތުރުފަތުރާއި ކެއިންބުއިމުގެ ޚަރަދުތަކަކީ އަމިއްލައަށް ހަމަޖައްސަންޖެހޭ ކަންތައްތަކެވެ. އެހެންކަމުން ސާމީގެ ފަރުވާއަށްޓަކައި ހެޔޮ އެދޭ ފަރާތަކުގެ ދީލަތި އެހީތެރިކަމަށް ވަނީ ބޭނުންވެފައެވެ.

އެންމެހާ އަޚުންނާއި އުޚްތުންގެ އަރިހުން އެދެނީ، އިންސާނިއްޔަތުކަމުގެ އަތް ދިއްކޮށްލައި، ސާމީގެ ފަރުވާއަށް އެހީތެރިވެދެއްވުމަށެވެ. ކުޑަ އެހީތެރިކަމެއް ނަމަވެސް، އެއީ އޭނާގެ ފަރުވާއަށާއި ދިރިއުޅުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެކެވެ. މިއާއިލާގެ އާދޭހަކީ، ކޮންމެ މިންވަރެއްގެ އެހީތެރިކަމެއް ނަމަވެސް، ސާމީއަށް އެހީތެރިވެދެއްވުމެވެ.
އަޙްމަދު ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:
ބީއެމްއެލް ރުފިޔާ އެކައުންޓް:
- އެކައުންޓް ނަންބަރު: 7724533055001
- އެކައުންޓް ވެރިފަރާތް: އަޙްމަދު ސާމީ
ބީއެމްއެލް ޑޮލަރު އެކައުންޓް:
- އެކައުންޓް ނަންބަރު: 7730000204472
- އެކައުންޓް ވެރިފަރާތް: އަޙްމަދު ސާމީ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނެ ނަންބަރުތައް:
- އަޙްމަދު ސާމީ: 9143010
- ރަޝާދު ސަޢީދު (ބައްޕަ): 7938422
ކިތަންމެ ކުޑަ އެހީތެރިކަމެއް ނަމަވެސް، އެއީ މި ދަނޑިވަޅުގައި ސާމީގެ ފަރުވާއަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ. މާތްﷲ ތިޔަ އެންމެހައި ފަރާތްތަކަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.
{އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ..
"ދީލަތިވަންތަ އިލާހު އެހެން މީހުންނަށް ނުދެއްވާ މުދާ، ޞަދަޤާތްކުރާ ދީލަތިމީހާއަށް ދެއްވައެވެ. އެއީ އޭނާ އެކުޅަ ޢަމަލާ އެއްގޮތް ޖަޒާއެއް ދެއްވުމަށެވެ." [ الوابل الصيب ص: 56]
ހުވަދޫމީޑިއާއިން އެދެނީ ސާމީއަށް އަވަސް ޝިފާއެއް ލިބޭނެ މަގު ފަހިވެގެން ދިއުމެވެ. އިންޝާﷲ

