ލޮސް އެންޖެލެސްގެ ޕެސިފިކް ޕެލިސޭޑްސްގައި ހިނގަމުންދާ އަލިފާނުގެ ހާދިސާއަށް މިހާރު 3 ދުވަސްވެފައި ވަނިކޮށް، އެސަރަހައްދަށް އަނެއްކާވެސް ވައިބާރުވެ މިހާރު ފެތުރެމުންދާ އަލިފާންގަނޑު ބޮޑަށް ފެތުރިދާނެކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާތަކުން އިންޒާރުދޭން ފަށައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ލޮސް އެންޖެލެސް ކައުންޓީއަށް ގަދަ ވައި އަނެއްކާވެސް އަންނާނެކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް މިދެދުވަހު މަތިންދާބޯޓު ބޭނުކޮށްގެން ކެމިކަލްފަދަ ތަކެތި ބޭނުން ކޮށްގެން ދިޔައީ މަސައްކަތް ކުރަމުންނެވެ.
އެހެންނަމަވެސް ވައި ގަދަވެ، އަލިފާނުގެ ކަނިތައް ފެތުރެން ފަށާ ހިސާބުން، އަނެއްކާވެސް ވަރަށްބޮޑު ސަރަހައްދަތަކަށް އަލިފާންގަނޑު ފެތުރިދާނެކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާގެ އޮފިޝަލުން ވަނީ ބުނެފައެވެ. މީގެ އިތުރުން އަލިފާންގަނޑު ނުނިވެނީސް މިއަދުގެ ވަގުތެއްގައި ވަނީ އަލިފާނުގެ ނަގޫރޯޅިތަކެއް އައިސްފައެވެ.
ސްކައި ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަން ފަރނާންޑޯ ވެލީގެ މަތިން ދުއްވަމުންދިޔަ ހެލިކޮޕްޓަރަކަށް މި މަންޒަރު ފެނި ރެކޯޑް ކޮށްފައިވެއެވެ. އަދި މިއާއިއެކު އެމެރިކާގައި އިތުރު ބިރުވެރިކަން ވަނީ އުފެދިފައެވެ.
ލޮސް އެންޖެލީސްގެ ޖަންގަލިތަކުގައި ރޯވެ އަނދަން ފަށާފައި ވަނީ، ވާރޭނުވެހި ގިނަ ދުވަސްވުމާ ގުޅިގެން އާދަޔާ ޚިލާފަށް ހޫނުގަދަވެ، ޖަންގަލިތަކުން ފެން ހިނދި، ހަނަފަސްވެފައިވާ ދަނޑިވަޅެއްގައެވެ. އެ ރަށުގެ ފަސް ސަރަޙައްދެއްގައި ރޯވި އަލިފާންގަނޑުތަކާ އެކު، 13,760 ހެކްޓަރުގެ ބިމާއި، 10,000އަށްވުރެ ގިނަ ގެދޮރާއި އިމާރާތް ވަނީ އަނދައި އަޅިއަށްވެފައެވެ. ބައެއް އަވަށްތައް ވަނީ މުޅިން ސުންނާފަތިވެފައެވެ.

