މާލެ ސިޓީ ކައުންސިލްގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިން އިސްނަގައިގެން މާލެ ސިޓީ ކައުންސިލާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒު ގުޅިގެން ބޭއްވި އަންހެނުންގެ ޤުރުއާން މުބާރާތުން ފަޚުރުވެރި އެއްވަނަ 25 އަހަރުގެ ޝާމަތު އިބްރާހީމް ހާސިލުކޮށްފިއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ބޭއްވުނު މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުނީ އިއްޔެ ރޭގައެވެ. މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އަންހެން ކަނބަލުންގެ ހިތުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއަރުވައި، އެކަމަށް ހިތްވަރުދީ، އެކަކު އަނެކަކު ކައިރިން ހިތްވަރު ލިބި ޤުރުއާން އުނގަންނައިދިނުމެވެ.

އުޚުތުންގެ ޤުރުއާން މުބާރާތް ނންމުމުގެ ރަސްމިއްޔާތު ތެރެއިން
މުބާރާތް ކުރިއަށް ގެންދެވުނީ ތިން ރައުންޑެއްގައެވެ. އެއީ އޯޑިޝަން ރައުންޑް، ފުރަތަމަ ރައުންޑް އަދި ފައިނަލް ރައުންޑެވެ. އޯޑިޝަން ރައުންޑުން ހޮވުނު ބައިވެރިންނަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ތަމްރީނު ކްލާސްތަކެއް ހިންގާފައިވެއެވެ.
މުބާރާތް ބަހާލެވިފައިވަނީ ހަތަރު އުމުރުފުރާ ކެޓަގަރީއަކަށެވެ. އެއީ 25 އަހަރާއި 35 އަހަރާ ދެމެދު، 36 އަހަރާއި 45 އަހަރާ ދެމެދު، 46 އަހަރާއި 55 އަހަރާ ދެމެދު، އަދި 55 އަހަރުން މަތީގެ އުމުރުފުރާތަކެވެ.

އުޚުތުންގެ ޤުރުއާން މުބާރާތުގެ ފަޚުރުވެރި 1 ވަނަ ޝާމަތު އިބްރާހީމް
މުޅި މުބާރާތުން އެންމެ މޮޅުވެ އެއްވަނަ ހޯދީ 25 އަހަރުގެ ޝާމަތު އިބްރާހީމެވެ. ދެވަނައަށް ދިޔައީ ހަމަ އެ އުމުރުގެ ސައުސަން އިބްރާހީމެވެ. ތިންވަނަ ހޯދީ 33 އަހަރުގެ ދެ ބައިވެރިންނެވެ. އެއީ ޝިފާޒާ ނަޢީމާއި ޢާއިޝަތު ސުހުދާއެވެ.
މުބާރާތުގައި ފަނޑިޔާރުކަން ކުރުމާއި، ބައިވެރިންނަށް ތަމްރީނު ދިނުމުގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް އުސްތާޛު ޢަލީ ވަހީދުގެ ނަން ފާހަގަކޮށްލެވެއެވެ. އަދި އިސްލާމިކް މިނިސްޓްރީން ކޮންމެ ބައިވެރިއަކަށް ޚަތިމް ހަދިޔާކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.
އަންހެނުންގެ މެދުގައި ބޭއްވުނު ޤުރްއާން މުބާރާތުގެ އެކި އުމުރުފުރާތަކުން ވަނަ ހޯދި ފަރާތްތައް:
55 އަހަރުން މަތީ އުމުރުފުރާގައި
- 2 ވަނައަށް 62 އަހަރުގެ ޢާއިޝަތު ޢަލީ
- 3 ވަނައަށް 63 އަހަރުގެ ފަރިޔާލް ޤާސިމް
46 އަހަރާއި 55 އަހަރާ ދެމެދުގެ ގިންތިން
- 1 ވަނަ ހޯދީ 49 އަހަރުގެ ފަޟްލާ ޤާސިމު.
- 2 ވަނައަށް 48 އަހަރުގެ ސާމިޔާ ޢަލީ
- 3 ވަނައަށް 55 އަހަރުގެ ސަންފާ ޢަބްދުލްކަރީމް
36 އަހަރާއި 45 އަހަރާ ދެމެދުގެ ބައިން
- 1 ވަނަ ލިބުނީ 39 އަހަރުގެ ޢާއިޝަތު ރަޝީދާ
- 2 ވަނައަށް 40 އަހަރުގެ ޝާމިރާ ޝަމީމް
- 3 ވަނައަށް 36 އަހަރުގެ ޝިފާ އިބްރާހީމް
25 އަހަރާއި 35 އަހަރާ ދެމެދުގެ ގިންތިން
- 1 ވަނަ ހޯދީ 25 އަހަރުގެ ޝާމަތު އިބްރާހީމް
- 2 ވަނައަށް 25 އަހަރުގެ ސައުސަން އިބްރާހީމް
- 3 ވަނައަށް 33 އަހަރުގެ ޝިފާޒާ ނަޢީމާއި ޢާއިޝަތު ސުހުދާ

