ހުސްވި އަހަރުގެ ޖުލައި މަހު ހިނގި ނުރައްކާތެރި ރޭސް ކާރު އެކްސިޑެންޓާ ގުޅިގެން މ. ލޭންޑްއޮފްގާޑްންގެ އިބްރާހީމް އިކްރާމްގެ މައްޗަށް 70،000 ރުފިޔާގެ ޖޫރިމަނާއަކާއެކު 3 މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު ކޮށްފިއެވެ.
2022 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ވިނަރެސް ކައިރީގައި ހިނގި މި އެކްސިޑެންޓުގައި، ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ރޭސް ކާރަކުން ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހުނެވެ. އެކްސިޑެންޓުގައި އަނިޔާވި މީހާގެ ބޭސްފަރުވާއަށާއި ސައިކަލަށް ލިބުނު ގެއްލުންތަކަށް އިކްރާމް މިހާތަނަށް 119،000 ރުފިޔާ ދައްކާފައިވާ ކަމަށް ކޯޓުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި އިކްރާމުގެ މައްޗަށް އުފުލުނު 6 ދައުވާއަށް އޭނާ އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެއްބަސްވުމާ އެއްގޮތަށް، އަނިޔާއެއް ދިނުމުގެ ކުށަށް 44،800 ރުފިޔާގެ ޖޫރިމަނާއަކާއި، މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރު ކުރިމަތިކުރުވުމުގެ ކުށަށް 3 މަހުގެ ޖަލު ހުކުމަކާއި 19،200 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅުނެވެ.
އެކްސިޑެންޓުވުމުން ރިޕޯޓު ނުކުރުމުގެ ކުށަށް 5،400 ރުފިޔާއިން ޖޫރިމަނާކުރުމަށާއި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށަށް 600 ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމުނެވެ. މުދަލަށް ގެއްލުންދިނުމުގެ ދެ ދައުވާ އަނބުރާ ގެންދިޔައީ އިކްރާމް އަނިޔާވި ފަރާތަށް ބޭސްފަރުވާގެ ޚަރަދަށާއި ސައިކަލަށް ލިބުނު ގެއްލުމަށް ޖުމްލަ 119،000 ރުފިޔާ ދައްކާފައިވާތީއެވެ.
މި މައްސަލައިގައި އިކްރާމުގެ އިތުރުން ދެ މީހެއްގެ މައްޗަށްވެސް ދައުވާ އުފުލިފައިވާއިރު، އެ ދެ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. އެ ދެ މީހުންގެ މައްސަލަ ކުރިއަށްދާނެ ގޮތެއް އަދި އެނގިފައެއް ނުވެއެވެ.

