ދިވެހި ބަހުގެ އަދީބު، އަބްދުﷲ ސޯދިގު (ސޯދުބެ)ގެ 90 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ސޯދުބޭގެ ދަރިކަލުން ރައުފަތު ސޯދިގު ތަފާތު އެހެނަސް ނުހަނު މާނަފުން ލޮބުވެތި ތަސްވީރެއް ހިއްސާ ކުރައްވައިފިއެވެ. މި ފޮޓޯއަކީ ރައުފަތު އޭނާގެ ބައްޕަ ސޯދުބޭގެ ބޯ ކޮށައިދެމުން ނަގާފައިވާ ހިތްގައިމު ފޮޓޯއެކެވެ.
ރައުފަތު އެކްސްގައި މި ފޮޓޯ ހިއްސާކުރައްވަމުން ވިދާޅުވެފައިވަނީ، "ކިތަންމެ އަލްބަމެއް ހޭވިޔަސް ބައްޕައާއެކު މިވަރުގެ ހަނދާނެއް ރައްކާކުރެވިފައިވާ ތަނެއް ނުފެނުނެވެ. ފޮޓޯއަކުން "ވަރަށް ލޯބިވޭ" ބުނެވޭނީ މިވަރަށް ތާއެވެ." މިއީ އެ ފޮޓޯއަކީ ބައްޕައާއެކު ނަގާފައިވާ ވަރަށް ހަދާނީ ފޮޓޯއެއް ކަމަށް ދޭހަވާ ގޮތަށް ދެއްވާފައިވާ ބަހެކެވެ.
އުމުރުން 28 އަހަރުގެ ރައުފަތު ސޯދިގުއަކީ އޭނާގެ ބައްޕަ ފަދައިން ދިވެހި ބަހުގެ ކަންކަމަށް ޝައުޤުވެރިކަން ހުރި ބަހުގެ ދާއިރާގައި މަސައްކަތްކުރާ ބޭފުޅެކެވެ. އޭނާ ވަނީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގައި ދިވެހި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އަދި ދިވެހި ބަހުގެ ޓިއުޝަން ކްލާސްތައް ވެސް ނަގައިދެއްވައެވެ.
ސޯދުބެގެ އުފަން ދުވަހާ ގުޅިގެން ރައުފަތު ހިއްސާކުރެއްވި ފޮޓޯއަކީ ދިވެހި ބަހުގެ އަދީބަކާއި އޭނާގެ ދަރިކަލުންގެ މެދުގައި އޮތް ލޯބީގެ ގުޅުން ރަމްޒުކޮށްދޭ ތަޞްވީރެއް ކަމުގައި ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ. މި ފޮޓޯއިން ފެންނަނީ "ދިވެހި ބަހުގެ ތަރިކަ ޖީލުން ޖީލަށް ވާރުތަވަމުންދާ މަންޒަރު" ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
ސޯދުބެއަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި ފާހަގަކޮށްލެވޭ އިސް ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ދައުލަތުގެ މީޑިއާގައި މަސައްކަތްކުރައްވައި، ދިރައްވައި، ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ އިސް މަޤާމުތައް ފުރުއްވައި، އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މުޝީރުކަން ކުރައްވާފައެވެ.

ރައުފަތު ސޯދުބެ ބޯ ކޮށައި ދެނީ/ މިއީ ރައުފަތު ހިއްސާ ކުރެއްވި ފޮޓޯ،
ސޯދުބެގެ 90 ވަނަ އުފަން ދުވަހާ ގުޅިގެން، ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ތަހުނިޔާ ފޮނުވާފައެވެ. ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު އަލީ ވެސް ވަނީ ތަހުނިޔާ ދަންނަވާފައެވެ. އެ އެކަޑަމީން ސޯދުބޭގެ އުފަންދުވަހާއި ގުޅިގެން ޚާއްޞަ ހަނދާނީ ފޮތެއް ނެރުމަށް ނިންމާފައިވކަމަށް އެކެޑަމީން މަޢުލޫމާތު ދެއްވިއެވެ. މި ފޮތުގައި ސޯދުބެގެ މަސައްކަތްޕުޅުތަކާއި، އެމަނިކުފާނުގެ ޙަޔާތްޕުޅާ ބެހޭ މަޢުލޫމާތު ހިމެނޭނެ ކަމަށް ބުނެފައިވެއެވެ.
ސޯދުބެ އުފަންވީ 1935ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު މުލަކަތޮޅު މުއްޔަށެވެ. އެމަނިކުފާނު މާލެ ވަޑައިގަތީ ސަރުކާރުން ދެއްވި ފުރުޞަތެއްގައި ކިޔަވާ ވިދާޅުވުމަށް ޢުމުރުފުޅުން އެންމެ 9 އަހަރުގައެވެ.
ސޯދުބޭގެ އަދަބީ މަސައްކަތްތަކުގެ ތެރޭގައި މަޒުމޫނު، ޙަޤީޤީ ވާހަކަ، ޢިލްމީ ލިޔުން، ތަރުޖަމާ، ޅެން، ލަވަ، ސަމާސާ އަދަބު އަދި ގަވާއިދު ފޮތްތައް ލިޔުއްވުން ހިމެނެއެވެ. އެމަނިކުފާނުގެ ލިޔުންތަކުގައި ކުރު އަދި ސާދާ ޢިބާރާތުން މާނަފުން ވާހަކަ ލިޔުއްވުމާއި، ހިތުގެ އެންމެ ފުންމިނަށް ފޯރާފަދަ އަސަރުގަދަ ބަސްމަގު ބޭނުންކުރެއްވުން ފާހަގަކުރެވެއެވެ.
ދިވެހި ބަހުގެ ތަރައްޤީއަށް ސޯދުބެ ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ ތެރޭގައި ދިވެހި ބަހުގެ ގަވާއިދު ފޮތް އެކުލަވާލެއްވުމާއި، ދިވެހި ބަހުގެ ރަދީފު އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، "ބަހުގެ ހަމައިގެ އަތްމަތީ ފޮތް"، "ބަސްމަގު ފަށާ ފޮތް"، "ދިވެހި ސިޓީ" އަދި "ދިވެހި މަޒުމޫނު" ފަދަ ފޮތްތައް ލިޔުއްވާފައިވެއެވެ.
ތަޢުލީމީ ދާއިރާގައި، ސޯދުބެ ވަނީ ސްރީލަންކާގެ ކޮލެޖުތަކާއި މާލޭގެ މަދަރުސާތަކުގައި ކިޔަވައިދެއްވައި، އަދި އަމިއްލަ ޓިއުޝަން ކްލާސްތައް ހިންގަވާފައެވެ. މިކަމުގެ ސަބަބުން، އެމަނިކުފާނަކީ ދިވެހިބަހުގެ އުސްތާޛުންގެ އުސްތާޛުކަމުގައި ބެލެވެއެވެ.
އެމަނިކުފާނުގެ ޚިދުމަތްތަކަށް ޝަރަފު ލިބިވަޑައިގެންފައިވާ ގޮތުގެ ތެރޭގައި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު، އަދި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ހިމެނެއެވެ.
މިހާރު ޞިއްޙީ ހާލަތު ރަނގަޅު ނޫން ނަމަވެސް، ސޯދުބެ އަދިވެސް ދިވެހި ބަހާއި އަދަބިއްޔާތުގެ ކަންކަމަށް ސަމާލުކަން ދެއްވައި، ކުށްތައް ފާހަގަކުރައްވައި ރަނގަޅުކުރުމަށް މަސައްކަތްކުރައްވައެވެ.

