މުޅި ރާއްޖެއަށް ޓެނިސް ފުޅާކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފެންވަރު ރަނގަޅު ކޯޓަކާއެކު ގދ. ފަރެސްމާތޮޑާއަށް ޓެނިސް ތައާރަފްކޮށް ދިގު މުއްދަތުގެ ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ.
ޓެނިސް އެސޯސިއޭޝަނުގެ އެހީތެރިކަމާއެކު ފަރެސްމާތޮޑާގައި ޒަމާނީ ފެންވަރުގެ ޓެނިސް ކޯޓެއް ވަނީ އަޅާފައެވެ. މި ކޯޓުގައި މިހާރު ކުރަމުންދަނީ ރޭގަނޑު މެޗުތައް ކުޅެވޭގޮތަށް ލައިޓު ހަރުކުރުމުގެ މަސައްކަތެވެ.
ފަރެސްމާތޮޑާއަށް ޓެނިސް ތައާރަފްކުރުމުގެ ގޮތުން ހާއްސަ ވަފުދެއް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. މި ވަފުދުގައި ހިމެނެނީ ރާއްޖޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ފާއިހު ފަޒީލް އާއި އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރެއްގެ އިތުރުން ބޭރުގެ ކޯޗެކެވެ.
ފަރެސްމާތޮޑާގައި ޓެނިސް ތައާރަފުކޮށް ހުނަރުވެރި ޖީލެއް ބިނާކުރުމަށް ޓެނިސް އެސޯސިއޭޝަނުން ވަނީ ދިގު މުއްދަތަކަށް ކޯޗެއް ބެހެއްޓުމަށް ނިންމާފައެވެ. މި މަސައްކަތުގެ ދަށުން ހުވަދޫ ސްކޫލުގެ އެހީތެރިކަމާއެކު 7 އަހަރާއި 8 އަހަރާ ދެމެދުގެ ކުދިންނަށް ޙާއްސަކޮށްގެން ޓްރެއިނިން ކޭމްޕެއް ވަނީ ފަށާފައެވެ. އަދި މުސްތަގްބަލުގައި ބޮޑެތި މީހުންނަށް އަމާޒުކޮށްގެންވެސް ޓްރެއިނިން ޕްރޮގްރާމުތައް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލޫމާތު ދެއްވާގޮތުގައި މިއީ ފަހުގެ ތާރީޚުގައި މާލެ ސަރަޙައްދުން ބޭރުގައި ޓެނިސް ކުޅެން ދަސްކޮށްދިނުމުގެ ޙަރަކާތް ހިންގާ ދެވަނަ ރަށެވެ. މިކަމުގެ މަޤްޞަދަކީ މާލެ ސަރަޙައްދުން ބޭރުން އަތޮޅުތަކަށް ޓެނިސް ތަޢާރަފުކޮށް މިކުޅިވަރު ކުޅޭ ކުޑަކުދިންނާއި ޒުވާނުން އިތުރުކުރުމެވެ.

