ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެފްކޮމް ކާގޯއާ ގުޅިގެން ޗާޓެޑް ޝެޑިއުލްޑް ކާގޯ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތުގެ ފުރަތަމަ ފްލައިޓް އިންޑިއާގެ ޗެންނާއިން ފުރައިގެން އައިސް، 20 ޓަނުގެ ކާގޯ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެތެރެކޮށްފައިވެއެވެ.
އެފްކޮމް ކާގޯއިން ހަފްތާއަކު ތިން ފްލައިޓް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ އިރު، ކުރިއަށް އޮތްތަނުގައި އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ކާގޯ މޫވްމަންޓް ހަރުދަނާ ކުރުމުގެ މަޤްޞަދުގައި ބޮޑެތި އެއާލައިންތަކާއެކު އިންޓަލައިން އެއްބަސްވުންތައް ޤާއިމުކުރުމުގެ މަސައްކަތް ވެސް އެފްކޮމް އެއާލައިންސް އިން ދަނީ ކުރަމުންނެވެ.
އެފްކޮމް އޭއާ-ޓު-އޭއާ ކާގޯގެ ޚިދުމަތާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދެމުންދާ ކާގޯ ޚިދުމަތް ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ. މި ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިއްސާ އޮތުމާއެކު، ރާއްޖޭގެ އިޤްތިޞާދާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މަޢުލޫމާތު ދެއްވި ގޮތުގައި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ފުރިހަމަ ޚިދުމަތްތައް ކަސްޓަމަރުންނަށް ދިނުމަށް އެމްއޭސީއެލްއިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

