ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލް ގައި ކޮޅިގަނޑެއް އުފެދި މި ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ލަފާކޮށްފިއެވެ.
މެޓުން މިއަދު ނެރުނު ބަޔާނުގައި ހާމަކޮށްފައިވަނީ މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށާއި މި ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި މާދަމާ (13 ޖަނަވަރީ 2025) އިން ފެށިގެން (18 ޖަނަވަރީ 2025) ވާ ހޮނިިހިރު ދުވަހާ ހަމަޔަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން މި މުއްދަތުގައި އާންމުވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށާއި ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތްކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ނެރޭ އެންމެފަހުގެ މޫސުން ލަފާކުރާ ގޮތާއި މޫސުމީ ސަމާލާއި އިންޒާރުތައް އަދި ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

