މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން 2024 ވަނަ އަހަރު ނިންމާލާފައިވަނީ ޕްރައިވެޓް ޖެޓް ދަތުރުތަށް ރެކޯޑު އަދަދަކަށް އިތުރުކޮށްގެންނެވެ. އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ހިންގާ މި އެއަރޕޯޓުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކަނި ޕްރައިވެޓް ޖެޓްތަކުގެ، 98 ދަތުރު ކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ޖޫން މަހުން ސެޕްޓެމްބަރު މަހަށް ރަންވޭ ތަރައްޤީކުރުމުގެ މަސައްކަތަށް އެއަރޕޯޓް ވަގުތީގޮތުން ބަންދުކުރަން ޖެހުނު ނަމަވެސް، މުޅި އަހަރުގެ ތެރޭގައި އެއަރޕޯޓުން ދެމުންގެންދިޔަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ނޫނު އަތޮޅުގެ މަޝްހޫރު ރިސޯޓުތަކަށް އަންނަ މުއްސަނދި ފަތުރުވެރިންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ ޖެނެރަލް މެނޭޖަރ އެއަރޕޯޓްސް، މުމްތާޒު ޢަލީ ވިދާޅުވެފައިވަނީ "ފާއިތުވި އަހަރު އަޅުގަނޑުމެން ގެނައި ކުރިއެރުންތަކުން ދައްކުވައިދެނީ އައު ގޮތްތަކާއި ފެންވަރު ރަނގަޅުކުރުމަށް އަޅުގަނޑުމެންގެ ހުރި އަޒުމު. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަހަރީ މަސައްކަތްތަކާއި ޑިސެމްބަރު މަހުގެ ތަފާސްހިސާބުތަކުން ހެކިދެނީ މި އެއަރޕޯޓަކީ ފަޚުރުވެރި އޭވިއޭޝަން ހަބެއްގެ ގޮތުގައި އިތުރަށް ކުރިއަރަމުންދާ އެއަރޕޯޓެއް ކަން"

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު: ފޮޓޯ/ސޯޝަލް މީޑިއާ
"އަޅުގަނޑުމެން ވާނީ މިހާރު އިތުރު ޚިދުމަތްތަކެއް ތަޢާރަފުކޮށްފައި. އޭގެ ތެރޭގައި ބިމުގެ ދަތުރުފަތުރުގެ ޚިދުމަތް ހިމެނޭ. އަދި މިހާރު އެޕްރަންގެ މަސައްކަތް ވެސް ދަނީ ކުރިއަށް. އަޅުގަނޑުމެންގެ ފަސިންޖަރުންގެ ބޭނުންތައް އިތުރަށް ފުއްދައިދިނުމަށްޓަކައި އަޅުގަނޑުމެންގެ އެއަރޕޯޓު ފުރިހަމައަށް ބަދަލުވެގެންދާނެ" މުމްތާޒު އިތުރަށް ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ބޮޑު ޚަރަދުކުރާ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަން ބޭނުންވާ މަންޒިލަކަށް ވެފައިވާ ހިނދު، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމާއި ފަތުރުވެރިކަމުގެ ސިޔާސަތުތައް ކުރިއެރުވުމުގައި އަސާސީ ދައުރެއް އަދާކުރާ ތަނެއްކަން ތަފާސްހިސާބުތަކުން ދައްކުވައިދެއެވެ. 2024 ވަނަ އަހަރުގެ ކާމިޔާބީތަކާއެކު، މާފަރު އެއަރޕޯޓުން ކުރިއަށް އޮތް އަހަރުތަކުގައިވެސް ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނެކަމަށް އުންމީދު ކުރެވެއެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސްޓްރެޓެޖިކް ލޮކޭޝަނުގެ ސަބަބުން މަތީ ފެންވަރުގެ ދަތުރުވެރިން އަންނަމުންދާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ނޫނު އަތޮޅުގެ މަޝްހޫރު ރިސޯޓުތަކަށް ފަސޭހަކަމާއެކު ވަދެވޭނެ ގޮތް ބޭނުންވާ މުއްސަނދި ފަރާތްތަކަށް ޚިދުމަތް ދިނުމުގައި މި އެއަރޕޯޓުގެ ޤާބިލުކަން ފެނިގެންދެއެވެ.
ޗުއްޓީ މޫސުމުގެ ކުރިން ނިމުނު ރަންވޭ ފުޅާކުރުމުގެ މަޝްރޫޢުގެ ސަބަބުން އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަވެފައިވާކަން ފާހަގަކުރެވެއެވެ. މި މަޝްރޫޢުގެ ސަބަބުން އެއަރޕޯޓަށް އިތުރު ބޮޑެތި މަތިންދާބޯޓުތައް ޖެއްސުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން، އެޕްރަންގެ މަސައްކަތް ނިމުމުން އެއަރޕޯޓުގެ ޖާގައިގެ މައްސަލަ ޙައްލުވެ، އިތުރު ޕްރައިވެޓް ޖެޓްތަކަށް ޚިދުމަތް ދެވޭނެއެވެ.

