މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ. މިއީ ރިކޯޑު އަދަދެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މީރާއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 101.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2023ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބުނު 90.2 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %12.9 އިތުރު އަދަދެކެވެ.
އަދި އެހާ ގިނަ އަދަދެއްގެ ފައިސާ ލިބުމަކީ މުއްސަނދިން މުދަލު ޒަކާތަށް އަހައްމިއްޔަތުކަން ދޭ މިންވަރު ހާމަކޮށްދޭކަމެއްކަން ފާހަގަކޮށް މިނިސްޓްރީން ވަނީ އެ ފަރާތްތަކަށް ޝުކުރުވެސް އަދާކޮށްފަ އެވެ.
އަދި މިދިޔަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ އަދަދަކީ ރާއްޖޭގެ ތާރީޚުގައިވެސް އެއް އަހަރެއްގެތެރޭ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އެންމެ ބޮޑު ޢަދަދުކަން ފާހަގަކޮށްލެވެއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާއިންއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ޑިސެންބަރުމަހު ވަނީ މުދަލު ޒަކާތުގެ ގޮތުގައި 9.7 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީ 2023ވަނަ އަހަރުގެ ޑިސެންބަރުމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 6.4 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %51.5 އިތުރު އަދަދެކެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިދިޔަ މެއިމަހުގެތެރޭގައެވެ. 10 އޮކްޓޫބަރ 2024 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަކީ 9240.35 ދިވެހި ރުފިޔާއެވެ.
މުދަލުޒަކާތުގެ ނިޞާބަކީ، މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ.
ދިވެހިރާއްޖޭގައި ނިޞާބު ކަނޑައަޅަނީ ރިހީގެ ނިޞާބުންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރިހީގެ އަގުން ފައިސާ އަގުކުރުމަކީ ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ.

