ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރައްވާ މި ދަތުރުފުޅަކީ ދިވެހޅަކީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ސަމާލުކަން ދެއްވާނީ، ދެ ޤައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތަޢުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާއި، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އެސްޓޯނިއާގެ އެކި ވަޒީރުންނާވެސް ބައްދަލުކުރައްވާނެއެވެ.
އޭގެ ތެރޭގައި މިނިސްޓަރ އޮފް އެޑިއުކޭޝަން އެންޑް ރީސަރޗް ކްރިސްޓީނާ ކެލަސް، މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އަލެންޑަރ، މިނިސްޓަރ އޮފް ހެލްތު ރީނާ ސިކުޓް، މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ލީސާ-ލީ ޕަކޮސްޓާ އަދި ސެކްރެޓަރީ ޖެނެރަލް އޮފް ފޮރިން އެފެއާޒް ޖޮނަތަން ސެވިއޮވް ހިމެނެއެވެ.

