ގދ.ވާދޫގެ ބޮޑު ބަޔަކަށް ކަރަންޓު ނުލިބި އަނދިރިކަމެއްގެ ތެރޭގައި އޮންނަތާ 5 ގަޑިއިރަށް ވުރެ ގިނަ ވެއްޖެއެވެ.
ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ "ހުވަދޫ" މީޑިއާ އަށް މައުލޫމާތު ދިން ގޮތުގައި އިއްޔެ ( 12 ޖަނަވަރީ 2025) ހަވީރު 05:00 އިން ފެށިގެން ދޭތެރެ ދޭތެރެއިން ކަރަންޓު މެދުކެނޑުނު ނަމަވެސް ރޭގަނޑު 08:00 އިން ފެށިގެން ރަށުގެ އެއްފަޅިން އެއްކޮށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އަދި މި މައްސަލަ ހައްލުކުރުމަށް ވާދޫ އިންޖީނު ގެއިން އެތައް މަސައްކަތެއް ކުރުމަށްފަހު ވެސް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިފައި ނުވާތީ، ގދ.ގައްދޫގެ ޓެކްނީޝަނުން ވާދޫއަަށް ގެނެސްގެން މިހާރު މައްސަލަ ހައްލުކުރަމުންދާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ގައްދޫގެ ޓެކްނީޝަނުން ބެލި ބެލުމަށް އެނގިފައިވަނީ މައްސަލަ ކުރިމަތިވީ މަގުމަތީގެ މަސައްކަތެއް ކުރުމުގެ ތެރޭގައި ވަޔަރެއް ހަލާކުވުމުގެ ސަބަބުން ކަމާއި އިންޖީނުގައި އެއްވެސް މައްސަލަ ނެތްކަމެވެ.
ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ، ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް އުނދަގޫތަކަކާ ކުރިމަތިލާންޖެހުނުކަމެވެ. އެގޮތުން ކަރަންޓުގެ ޚިދުމަތް ދޭތެރެދޭތެރެއިން މެދުކެނޑެމުންދާތީ ބައެއް ރައްޔިތުންގެ އިލެކްޓްރޯނިކް ސާމާނަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
މި މައްސަލައާ ގުޅޭ ގޮތުން ވާދޫ އިންޖީނު ގެއިން އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

