މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާލޭގެ 50 އަށްވުރެ ގިނަ ގޭބިސީތަކުގައި ވެލި ބަސްތާ ޖަހައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދުން ފެށިގެން ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް އިންޒާރު ދީފައިވާތީ، ކަމާ ބެހޭ އިދާރާތަކާއި އާންމުން ގުޅިގެން ދަނީ ރައްކާތެރިވުމަށްޓަކައި ދުރާލާ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން އާންމުކޮށް ފެނުގެ އަސަރުކުރާ ގޭބިސީތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ބޯކޮށް ވާރޭވެހި މާލޭގައި ފެން ބޮޑުވެއްޖެނަމަ އޭގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭ 56 ގޭބިސީއެއްގައި ވެލި ބަސްތާ ޖަހާފައިވެއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ކަމަށާއި، ފެން ވަންނާނެކަމަށް ލަފާކުރެވޭ ގޭބިސީތަކުގައި މިއަދުވެސް މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުންވެސް ދަނީ ފެން ހިންދުމަށްޓަކައި ދުރާލާ ތައްޔާރުވަމުންނެވެ. ބައެއް ތަންތަނުގައި ފެން ހިންދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ވެސްޓްޕާކް ސަރަހައްދުގައިހުރި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ދިފާޢީ ބާރުން ދަނީ މިހާރު ކުރަމުންނެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވަނީ، ރާއްޖޭގެ އިރުން ހުޅަނގު ދެކުނުން، ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ރާއްޖޭގެ ހުޅަނގަށް ޖެހި ރާއްޖެއާއި ގާތަށް ޖެހެމުންދާ ކަމަށެވެ. މިވަގުތު ރާއްޖެ ސަރަޙައްދުގައި ބޯވިލާ ޖަމާވަމުންދާކަމަށާއި މިއަދުގެ ވަގުތުތަކުގައި ރާއްޖެއަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި ދަންވަރާއި އަދި ފަތިހު ބޯކޮށް ވާރޭ ވެހޭނެކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ. އަދި ބައެއް ރަށްރަށަށް އުދަ އަރައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެދާނެކަމަށްވެސް އިންޒާރު ދެއްވާފައިވެއެވެ.

