ރާއްޖޭގެ ބޮޑު ސަރަހައްދަށް މިރޭ ބޯކޮށް ވާރޭވެހުމުގެ އިންޒާރު މޫސުމާބެހޭ ޤައުމީ އިދާރާއިން ދީފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖޭގެ ހުޅަނގަށް ޖެހި މިރޭގެ ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މި އިދާރާއިން އިތުރަށް ބުނެފައި ވަނީ، ރާއްޖޭގެ އިރުން، ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ރާއްޖޭގެ ހުޅަނގަށް ޖެހި ރާއްޖެއާއި ގާތަށް ޖެހެމުންދާ ކަމަށެވެ. މިވަގުތު ރާއްޖެ ސަރަޙައްދުގައި ބޯވިލާ ޖަމާވަމުންދާކަމަށާއި މިއަދުގެ ވަގުތުތަކުގައި ރާއްޖެއަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި ދަންވަރާއި އަދި ފަތިހު ބޯކޮށް ވާރޭ ވެހޭނެކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖެއަށް މިއަދު ވައި އެވްރެޖްކޮށް ހުރިނަމަވެސް މި ކޮޅިގަނޑު ރާއްޖެއާއި ގާތްވަމުންދާ ވަރަކަށް ވައި ބާރުވަމުންދާނެ ކަމަށެވެ. މިގޮތުން ރާއްޖެ ސަރަޙައްދުގެ ވައި ބާރުވާން ފަށާނެކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށް އެ އިދާރާއިން ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކޮށްފައިވެއެވެ. އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އުދައިގެ އަސަރުކުރާނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާ ކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުި ހުޅަނގު އުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރު އުތުރުން ގަޑިއަކު ގާތްގަނޑަކަށް 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށާއި ރާއްޖޭގެ ކަނޑުތައް މިއަދު އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިނުގައި ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކަމާ ބެހޭ އިދާރާތަކާއި އާންމުން ގުޅިގެން ދަނީ ރައްކާތެރިވުމަށްޓަކައި ދުރާލާ ވެލިބަސްތާ ޖެހުން ފަދަ ކަންކަން ކުރަމުންނެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައިވެސް ކައުންސިލްތަކާ ގުޅިގެން ގެއަށް ފެން ވަދެ އަދި އުދައިގެ އަސަރުކޮށްގެން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމަށް ކަމާބެހޭ ފަރާތްތަކުންދަނީ އިލްތިމާސްކުރައްވަމުންނެވެ.

