ވަރަށް ގިނަ ދުވަހު މަސްވެރިކަން ދަށްވެފައި ވަނިކޮށް، އިރުވައިއަތަށް އަޅައި ރާއްޭގެ އެކި ހިސާބުތަކަށް މަސްވެރިކަން ރަނގަޅުވާން ފަށައިފިއެވެ.
މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމާއިއެކު މަހަށް ނިކުންނަ އޮޑިދޯނި ފަހަރުވެސް ދަނީ ގިނަވަމުންނެވެ.
އެވްރެޖްކޮށް މުޅިރާއްޖެއިން މިފްކޯއަށް ދަނީ 300 ޓަނާއި 400 ޓަނާއި ދެމެދު މަސްކިރަމުންނެވެ.
މަސްވެރިންނަށް 48 ގަޑި އިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށުމުގެ ކުރިން މަހަށް ނިކުންނަ އޮޑިފަހަރު ވަރަށް މަދުކަން މިފްކޯގެ ހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް މިހާރު ދުވާލަކަށް 80 އާއި 100 އާއި ދެމެދުގެ ދޯނިތަނަށް މަހަށް ނިކުންނަ އިރު 5 މިލިއަނާއި ގާތްކުރާ އަދަދަކަށް ދަނީ ފައިސާ ދޫކުރަމުންނެވެ.
މަސްވެރި ސިނާއަތު ކުރިއެރުވުމަށް މި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. ރައީސް މިހެންވިދާޅުވެފައިވަނީ ކޫއްޑޫގައި މަސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި ސިނާޢަތަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތަށް ހެދޭނެކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތް ނުހުއްޓި ކުރިއަށްދާނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މަސްވެރިކަންވެސް ކުރިއެރުވައި ސިންދާފާތު ކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި މިހާރު އެންމެ ބޮޑު އިސްކަމެއްދެއްވަނީ، މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް ކަމަށެވެ. އެގޮތުން 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ޖަމާކޮށްދިނުމަށްވީ، ވަޢުދު ފުއްދަވަމުން ގެންދަވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެ މަސައްކަތްވެސް ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ރޭވިފައިވާ ގޮތަށް ކުރިއަށްދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތައް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވަނީ ސަރުކާރުން މިފްކޯއަށް ގިނަ ބަދަލުތަކެއް ގެންނަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިފްކޯގައި ތެރޭގައި ހުރި ޒަމާންވީ މައްސަލަތައް ހައްލުކޮށް، މަސްވެރިން ބޭނުންވާގޮތަށް މިފްކޯގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

