މުޅި ދުނިއަށް ސިހުންގެނުވާލި އެމެރިކާގެ ލޮސް އެންޖެލެސްެ އަލިފާނުގެ ހާދިސާގައި އެ ބިން ހަނަފަސް ސަހަރާއަކަށް ބަދަލުވެ، މިފަދަ ނުރައްކާތެރިކަމެއް ހަމައެކަނި ވައިބާރުވެގެން ދިމާވުމުން އެމެރިކާގެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާލުކުރަމުން އެބަދެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިއީ މިދަފަ ކުއްލި ނުރައްކަލެއް މިހާބޮޑަށް ފެތުރިގެން ދިޔަ ފުރަތަމަ ފަހަރެވެ. އަދި ޓަން އަދި ޕަލިސޭޑްސް އަލިފާނުގެ ހާދިސާތަކަކީ ކެލިފޯނިއާގެ ތާރީޚުގައި ދެވަނައަށް އަދި ހަތަރުވަނައަށް އެންމެ ގެއްލުންބޮޑު ހާދިސާތައް ކަމުގައި ވެދާނެކަމަށް އެމެރިކާގެ އިސް އޮފިޝަލުން ދަނީ ބުނަމުންނެވެ.
ރިޕޯޓުތައް ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ 11 ދުވަހުގެ ތެރޭގައި ކެލިފޯނިއާގެ 40،300 އަށްވުރެ ގިނަ ސަރަޙައްދެއް 105 އަލިފާނުގެ ހާދިސާއަކުން އަނދައިގެން ގޮސްފައިވާ ކަމަށެވެ. އަދި މިތަންތަން އަލުން އާރާސްތުކުރުމަށް އެތައް ބިލިއަން ޑޮލަރެއް ހަރަދުކުރަން ޖެހޭނެއެވެ.

އެމެރިކާގެ އަލިފާން ނިއްވުމުގެ މަސައްކަތުގެ ތެރެއިން/ ފޮޓޯ: ސީއެންއެން
އަލިފާނުގެ ހާދިސާގައި ގެއްލުން ވީ ގޮތުގެ ތަފާސް ހިސާބުގެ 24 އިންސައްތަ ނިމިފައިވާއިރު މިހާތަނަށް 8000 ގެ ވަނީ މުޅިން ބިމާހަމަވެފައެވެ. މި ގެތަކުގެ ތެރޭގައި އެމެރިކާގެ އެތައް މުއްސަނދިން ހިމެނެއެވެ.
އެމެރިކާގެ އަލިފާނުގެ ހާދިސާތަކުގެ ތެރެއިން އަޖައިބުކުރުވަނިވި އެތައް ކަމެއް ދަނީ ފާހަގަ ވަމުންނެވެ. އަލިފާނުގެ ނަގޫރޯޅި އައުމާއި ވައި ދައުރުވުމުގައި ހުރި ނުރައްކާވަނީ ބޮޑުވެފައެވެ.
މީގެ އިތުރުން އަލިފާނު ނިއްވުމުގައި ހަރަކާތްތެރިވާ މާހިރުން ބުނަނީ އަލިފާނުގެ ސަބަބުން ވައި ތަޣައްޔަރުވެފައިވާއިރު، އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ވަނީ އިމާރާތްތަކާއި، އެއްގަމު އުޅަނދުފަހަރާއި، ހިފާ ގެންގުޅޭ ސާމާނުގައި ރޯވެ، އެނދުމުން ކަމުގައެވެ. އަދި، ޕްލާސްޓިކާއި އެ ނޫން ވެސް ތަކެތީގެ ރޯވެ، އެނދުމާ ގުޅިގެން އިންސާނުންގެ ޞިއްޙަތަށް ނުރައްކާތެރި ކެމިކަލްތައް ވައިގެ ތެރެއަށް ފެތުރެމުންދާ ކަމުގައެވެ.
މި ކަމާ ގުޅޭ ދިރާސާތަކުން ފެންނަ ގޮތުގައި، އެ ފަދަ ކެމިކަލްތައް އެކުލެވޭ ވައި، އިންސާނުންގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވާސިލުވުމަކީ ހާޓް އެޓޭކް، ސްޓްރޯކް އަދި ކާޑިއެކް އެރެސްޓް ފަދަ ނުރައްކާތެރި ޞިއްޙީ މައްސަލަތަކަށް ހުށަހެޅޭ ސަބަބެކެވެ. ތިމާވެށީގެ ޞިއްޙަތާ ބެހޭ ސައިންސްވެރިން ބުނީ، ފުއްޕާމޭ އަދި ހިތުގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް އޮތް ނުރައްކާ އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައެވެ. އަދި، ކުޑަކުދިންނާއި އުމޫރުންނަށް ވެސް ނުރައްކާތެރިކަން ބޮޑު ކަމުގައެވެ.

