ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު މި އަހަރުވެސް ރާއްޖެއަށް ލިބިއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ހެންލީ ޕާސްޕޯޓް އިންޑެކްސްއިން މިއަދު ނެރުނު ރިޕޯޓެއްގައެވެ.
ހެންލީ ޕާސްޕޯޓް އިންޑެކްސްއިން އެންމެ ވަރުގަދަ ޕާސްޕޯޓުތައް ކަނޑައަޅަނީ ވިސާއަކާ ނުލައި އެންމެ ގިނަ ގައުމުތަކަށް ދަތުރު ކުރެވޭ ޕާސްޕޯޓުތަކަށް ބަލައިގެންނެވެ. މިގޮތުން ރާއްޖޭގެ ޕާސްޕޯޓު ބޭނުންކޮށްގެން 94 ގައުމަކަށް ވިސާއަކާ ނުލައި ދަތުރު ކުރެވޭނެއެވެ. ނުވަތަ އެ ގައުމަކަށް ޒިޔާރަތް ކުރުމުން އޮން-އެރައިވަލް ވިސާ ލިބިގެންދާނެއެވެ.
މިދިޔަ އަހަރުވެސް ރާއްޖެއަށް މި މަގާމު ލިބިފައިވާއިރު، މި ސަރަހައްދުން ރާއްޖެއާ އެންމެ ގާތުން މި މަގާމަށް ވާދަކޮށްފައިވަނީ އަވަށްޓެރި އިންޑިއާއެވެ. ވިސާއަކާ ނުލައި އިންޑިއާ ޕާސްޕޯޓު ބޭނުންކޮށްގެން ޖުމްލަ 57 ގައުމަކަށް ދަތުރު ކުރެވޭއިރު، އެ ގައުމު އޮތީ ދުނިޔޭގެ ލިސްޓުގެ 85 ވަނައިގައެވެ. މިދިޔަ އަހަރު އިންޑިއާ އޮތީ ލިސްޓުގެ 82 ވަނައިގައެވެ.
ރާއްޖެ އޮތީ މުޅި ދުނިޔެއިން 53 ވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ އެ ލިސްޓުގެ 52 ވަނައިގައެވެ. އެހެންކަމުން މިއީ އެއް ދަރަޖައިގެ ދަށްވުމެކެވެ.
މި ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ލަގަބު ރާއްޖެއަށް ލިބުމުން މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުން އަންނަ ކަމެވެ.

