ޙަބީބް ބޭންކު ކުރިންހުރި ބިން ކޮންނަނިކޮށް ފެނުނު ބޮޑުބަޑިއަކީ 1600ގެ އަހަރުތަކުގައި މާލޭގެ ބޮޑުފާރު ރާނާފައިހުރި ސަރަހައްދުން ފެނުނު ބަޑިއެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ މި ބޮޑުބަޑި މިހާރު ވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ. އަދި އެ ބަޑި ސާފުކޮށް، ގިނަ ދުވަހު ބެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، މި ބޮޑުބަޑި ފެނިފައިވަނީ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) ނުވަތަ ބޮޑު ރަސްގެފާނުގެ ދުވަސްވަރު މާލޭގެ ހިމާޔަތުގައި ރާނާފައިހުރި ބޮޑުފާރެއްހުރި ސަރަހައްދަކުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ބަޑިއަކީ އެ ދުވަސްވަރުގެ ބަޑިއެއްކަމެއް އަދި ދެނެގަނެވިފައިނުވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ތާރީޚީ ރެކޯޑުތަކުން އެނގޭގޮތުގައި، ބޮޑު ރަސްގެފާނުގެ ވެރިކަމުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ބުރުޒުތައް ބިނާކޮށް، ދެ ބުރުޒު ދެމެދުގައި ފާރެއް ލެއްވިއެވެ. އަދި ފާރާއި ބުރުޒުތަކުގައި ބަޑި ދޮރު ކަނޑާފައިވާކަމަށް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ތަރިކަ ދިރާސާކުރާ މަރުކަޒުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބޮޑުބަޑި ފެނިފައިވަނީ މާލޭގެ ޗާންދަނީމަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި، ކުރިން ހަބީބް ބޭންކު ހުރި ބިމުގައި އިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށެވެ.
މި ބާވަތުގެ އިތުރު ބޮޑުބަޑިތައް މިހާރުވެސް ދާރުލްއާސާރާއި ބައެއް އާސާރީ ތަންތަނުގައި ފެންނަން ހުރިކަން ފާހަގަކުރެވެއެވެ.

