ޤަވާއިދާ ޚިލާފަށް އުޅުނު 4 ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ. މިއީ މޯލްޑިވްސް އިމިގްރޭޝަން ސާރވިސް އިން ކުރިއަށް ގެންދިޔަ ރެއިޑެއްގައި އަތުލައިގަނެފައިވާ ބައެކެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އިމިގްރޭޝަންގެ ޓާސްކުފޯހުން ރޭ ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި އާންމު ސިއްހަތަށް ގެއްލުންވާގޮތަށް މާލޭގައި ބިދޭސީން އުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައި ކަމަށެވެ. އެތަނަކީ ގިނަ އަދަދެއްގެ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުންދާ ތަނެއްކަމަށާއި، އެތަނުގައި ސައްހަ ވިސާއެއްނެތި އުޅެމުންދިޔަ ހަތަރު ބިދޭސީއެއް އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްޢާން ވިދާޅުވީ އަަމާޒަކީ 3 އަހަރުގެ ތެރޭގައި ގަވާއިދާ ޚީލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލު ކުރުމެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެމީހުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްލާފައެވެ

